

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއަށް ލިބުނު އާމްދަނީ ދަށްވިކަން ހާމަވެއްޖެއެވެ.
މީރާއިން އާންމުކޮށްފައިވާ ޖެނުއަރީ މަހުގެ މަންތްލީ ރެވެނިއު ކަލެކްޝަނުން ދައްކާގޮތުގައި މި އަހަރުގެ ޖަނަވަރީގައި އާމްދަނީގެ ގޮތުގައި އެ އިދާރާއަށް ލިބިފައިވަނީ 3.34 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައި ވަނީ، 3.60 ބިލިއަން ރުފިޔާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއީ 7.7 އިންސައްތައިގެ ދަށްވުމެކެވެ.
އާމްދަނީ ދަށްވެފައި ވަނީ ބޭންކް އިންކަމް ޓެކްސް އަދި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ ޓެކުހުން ލިބިފައިވާ އާމްދަނީ ދަށްވުމުންކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ2 އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން ސީސީއަށް ދަށްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
އެކަމާއި ގުޅިގެން ވޯލްޑް ބޭންކުން ވަނީ ޚަރަދު ކުޑަކުރުން އަވަސް ކުރުމަށް އިލްތިމާސްކޮށްފައެވެ.