theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މީރާ / އެޑިޝަން.އެމްވީ
ހަބަރު
ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަންޖެހޭތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
Mariyam Isaadha
މަރިޔަމް އިސާދާ
16 ޖޫން 2025
މާލެ ސިޓީ

ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް އެ މުދަލެއް ނުވަތަ ޚިދުމަތަކަށް ޖީއެސްޓީ ދައްކަން ޖެހުމަކީ "އިގުތިސޯދީ ޖަރީމާއެއް" ކަމަށް ބުނެ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅި ގަރާރުގައި ވަނީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޓެކްސް ދައްކަން ޖެހޭނެއެވެ. އެހެންވެ، އެ މުދާއި ނުވަތަ ޚިދުމަތަށް ފައިސާ ނުލިބެނީސް ޓެކްސް ދައްކަންޖެހުމަކީ، އިގުތިސޯދީ ޖަރީމާއެއް ކަމަށް ބުނެފައެވެ.

އެގޮތުން އެ ގޮތަށް ޓެކްސް ދައްކަން ޖެހުމުގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ. މުދަލެއް ނުވަތަ ޚިދުމަތެއް ވިކޭނެ ވަގުތަކީ ވިއްކާ ފަރާތުގެ ބާރުގެ ދަށުގައިވާ ކަމަކަށްނުވާއިރު، ވަކި ވަގުތެއްގައި ޓެކްސް ދައްކަން ޖެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ ގަރާރުގައިވެއެވެ.

ގަރާރުގައި ނިއުޝާދު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ޓެކްސް ނުދެއްކެނީ އިންވޮއިސްތަކަށް ފައިސާ ނުލިބޭތީ ކަމަށެވެ. އެ ފަދަ ހާލަތެއްގައި ޓެކްސް ނުދެއްކި އޮތުމުން އެއީ ޓެކްސް ނުދައްކާ ކުންފުންޏަކަށް ހެދުމަށް ފަހު ސަރުކާރުގެ މަސައްކަތްތައް އެ ކުންފުނިތަކަށް ހަވާލުނުކުރުމަކީ ޖަރީމާއެއް ގޮތުގައި އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެތަކެއް ވިޔަފާރިތަކެއް ހުއްޓި، އެތައް ބަޔެއްގެ ވަޒީފާތައް ގެއްލި، އެކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސޯދު ހީނަރުވެ، ނުހަނު ގިނަ ބައެއްގެ ދިިރިއުޏަށް ދަތިވާނެފަދަ ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމަށް ފެންނާތީ، މި ކަމަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމެއްކަމަށް ވީ ސަބަބަށް ޓަކައި، މި ކަމާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި މަޖިލީހުގެ ގަވާއިދުގެ ދަށުން އެ މައްސަލަ ހުށަހެޅީ ކަމަށް ވެސް ނިއުޝާދު ވިދާޅުވެފައިވެއެވެ.

ނިއުޝާދު ވިދާޅުވާ ގޮތުގައި އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމު ވިޔަސް، ފޯރުކޮށްދިން މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ނުލިބޭ މައްސަލައަކީ މިހާރަކަށް އައިސް ނުހަނު އާންމު ކަމެކެވެ.

އެހެންކަމުން ޓެކްސް ދައްކާ ވިޔަފާރިތަކުގެ ބާރު ހިނގާ ކަމަކަށް ނުވިޔަސް، އެއާ ގުޅުވައި ޓެކްސް ދައްކަން ލާޒިމުކޮށްފައި އޮތުމަކީ، އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާގެ ގަރާރުގައި ވެ އެވެ. އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތެއް ފޯރުކޯށްދިނުމަށް ފަހު، އެ އިންވޮއިސްތަކުގެ ފައިސާ ވެސް ނުލިބެ އެތައް ދުވަހެއް ފާއިތުވާ ކަމަށް ވިޔަފާރިތަކުގެ ކަންބޮޑުވުން އެބަހުރި ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

ވިޔަފާރިތަކަށް ފައިސާ ނުލިބުނު ނަމަވެސް، އިންވޮއިސް ތައްޔާރުކުރި ކަމަށް ޓަކައި އޭގައި ހިމެނޭ ޖީއެސްޓީ ނުދެއްކުމުން ދައުލަތަށް ޓެކްސް ނުދައްކާ ބަޔެއްގެ ގޮތުގައި ކަނޑައަޅައި، މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ، ދައުލަތުން ނިޒާމީ ގޮތެއްގައި ވިޔަފާރިތަކާ މެދު ހިންގަމުންދާ އިގުތިސޯދީ ޖަރީމާއެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ގަރާރުގައި ވެއެވެ.

މަޖިލީހަށް މި މައްސަލަ ހުށަހެޅެނީ، ސަރުކާރުން ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކައި، ޓެކްސް ދައްކަން މަޖުބޫރުކުރަމުންދާ ކަމުގެ ޝަކުވާ ބޮޑު ދަނޑިވަޅެއްގަ އެވެ. މި ޝަކުވާތަކުގެ ތެރޭގައި ގިނައީ ސަރުކާރަށް ދިން ހިދުމަތަކަށް ނުވަތަ މުދަލަށް ދައްކަން ޖެހޭ ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލަތަކެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮންނަ ގޮތުން، މުދަލެއް ނުވަތަ ޚިދުމަތެއްގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޓެކްސް ދައްކަން ޖެހޭނެއެވެ. އެހެންވެ، އެ މުދާއި ނުވަތަ ޚިދުމަތަށް ފައިސާ ނުލިބެނީސް ޓެކްސް ދައްކަންޖެހެއެވެ.

އެހެން ދިމާވަނީ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމަށް ފަހު ސަރުކާރުގެ އެކި އިދާރާތަކަށް އިންވޮއިސް ހުށަހެޅުމުން އެ އިންވޮއިސްތަކަށް ފައިސާ ނުލިބި ގިނަ ދުވަސްވާތީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved