theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޑރ.އަލީ ލަތ / ރައީސް އޮފިސް
ސިޔާސީ
ޕީސީއާރް ޓެސްޓުގެ ހިދުމަތް ދިނުމަށްފަހު ޓެކްސްއަށް މަކަރުހެދި ދެ ޑޮކްޓަރުންނަށް ދައުވާކުރަން ފޮނުވައިފި
20 ޖެނުއަރީ 2026

ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން ޓެކުހަށް މަކަރު ހަދައިފައިވާ ކަމަށް ތުހުމަތުކޮށް ދެ ޑޮކްޓަރުންގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މީރާއިން ހުށަހަޅައިފިއެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވާ ދެ ޑޮކްޓަރުންނަކީ ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. އަލީ އަބްދުﷲ ލަތީފެވެ.

އެކަމާ ގުޅޭގޮތުން މީރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައަކީ، ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއް ކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާ ކަމަށް ފާހަގަކުރެވިގެން މީރާއިން ތަހުގީގުކުރަން ފަށައިފައިވާ މައްސަލައެއް ކަމަށެވެ.

ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ ވެސް މީރާއަށް ރިޕޯޓުކޮށްފައިނުވާކަން މީރާގެ ތަހުގީގުގައި ހޯދިފައިވާ ކަމަށެވެ.

ހަމަ މިއާއެކު، ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021 ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވީ ނަމަވެސް، މި ހިދުމަތުން ލިބިފައިވާ އެންމެހާ އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

އަދި މި ހިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި 'ކޮސްޓް އޮފް ސޭލްސް' އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ގޮތުން، ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވާ ކަމަށެވެ.

އަދި މީގެ އިތުރުން އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި މުއްދަތުތަކަށް މި ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، އަލީ ފަޔާޒްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?