May 1, 2026
Advertisement
ރައީސް ޑރ މުހައްމަދު މުއިއްޒު 5 ޑިސެމްބާރ 2023 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ
ރައީސް ޑރ މުހައްމަދު މުއިއްޒު 5 ޑިސެމްބާރ 2023 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ / ރައީސް އޮފިސް

ނޫސްވެރިން "އާރްޓީއައި" ލާންޖެހޭ ހިސާބަކަށް ނުދާނެކަމަށް ވިދާޅުވި، ނަމަވެސް ސަރުކާރުގެ ގިނަ ކަންކަން ހުރީ ފޮރުވިފައި

Aishath Naja
އައިޝަތު ނަޖާ
Jun 13, 2024, 03:05 AM
މާލެ ސިޓީ

ނޫސްވެރިން "އާރްޓީއައި" ލާން ޖެހޭ ހިސާބަކަށް ނުދާނެކަމަށް ވިދާޅުވި ނަމަވެސް ސަރުކާރުގެ ކަންކަން ހޯދުމަށްޓަކައި އާރްޓީއައި ލާންޖެހޭކަން ހާމަވެއްޖެއެވެ.

Advertisement

ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިން އާރްޓީއައި ލާންޖެހޭ ހިސާބަކަށް ނުދާނެކަމަށާއި ސަރުކާރުގެ ކަންކަން ހުންނާނީ ހާމައަށް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމަނިކުފާނު އެ ދުވަހު ދެއްކެވި ވާހަކަ އަކާއި މިއަދު ސަރުކާރުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތާއި ވަރަށް ވެސް ތަފާތެވެ.

މައުލޫމާތެއް ސާފުކުރުމަށްޓަކައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދަށް މެސެޖް ކުރުމުން ނުވަތަ ގުޅުމުން ވެސް ގިނައީ ޖަވާބު ނުލިބޭ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުގެ ކަންކަން ހުންނާނީ ހާމައަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގެ ބައެއް ވުޒާރާތަކުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް ވަނީ ސިއްރުކޮށްފައެވެ.

އެ މައުލުމާތު ހޯދުމަށްޓަކައި "ތޭރަ އޮންލައިން" ގެ ފަރާތުން އެ ވުޒާރާތަކަށް އާރްޓީއައި ފޮނުވުމުންވެސް ޖަވާބު ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިފަހުން އެންޓިގުއާ ބާބުޑާ އަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތައް ހޯދުމަށްޓަކައި ރައީސް އޮފީހަށް "ތޭރަ އޮންލައިން" އިން ވަނީ އާރްޓީއައި ހުށަހަޅާފައެވެ.

ނަމަވެސް އަދިވެސް އެ ދަތުރުފުޅުގެ މައުލޫމާތުތަކެއް ހިއްސާކޮށްފައިނުވެއެވެ.

ރައީސް މުއިއްޒު ވަނީ މި ސަރުކާރުން ބޭރުގެ ގައުމުތަކަށް ކުރާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދު އާންމު ކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް އޮފީހުގެ ފަރާތުން އެކަން ނުކުރާ ކަން ފާހަގަކޮށްލެވެއެވެ.

"ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ" ރައީސް ޑރ މުހައްމަދު މުއިއްްޒު ވަނީ އެމަނިކުފާނު ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ރައްޔިތުންނާ މުހާތަބުކޮށް ދެއްވި އެންމެ ފުރަތަމަ ތަގުރީރުގައި ވެސް އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމަނިކުފާނުގެ އަމަލާ ބަހާ ދިމާނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved