
ފަލަސްތީނުގެ ރެޑް ކްރެސެންޓުން އާދިއްތަ ދުވަހު އިއުލާން ކުރި ގޮތުގައި ހޮނިހިރު ދުވަހު އެގައުމުގެ ޓީމުތަކަށް މިސްރުގެ ރެޑް ކްރެސެންޓުން 80 އެހީގެ ޓްރަކް ރަފާހު ހުރަސް މެދުވެރިކޮށް ވަނީ ލިބިފައިއެވެ.
އެ ޓްރަކްތަކުގައި ކާބޯތަކެއްޗާއި ފެނާއި ރިލީފް ސާމާނާއި ސިއްހީ ސާމާނު ހިމެނޭ ގޮތަށް އިންސާނީ މުހިއްމު އެހީތައް ހުރި ކަމަށްވެސް ޕީއާރުސީއެސްއިން ވަނީ ބުނެފައިއެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ އިސްރާއީލުން ކޮންޓްރޯލްކުރާ ކަރްމް އަބޫ ސަލީމް ހުރަސް މެދުވެރިކޮށް އެއްވެސް ޓްރަކެއް ވަދެފައިނުވާކަމަށް އެމީހުން ވަނީ ބުނެފައިއެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާއިރު، ބޭސްފަރުވާ އާއި ސާފުބޯފެން ނުލިބުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ތެރޭގައި އެކި ކަހަލަ ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ.
މީގެ އިތުރުން ކާބޯތަކެތި ނުލިބުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ވަނީ ބަނޑައްޖެހިފައި ކަމަށްވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައިއެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 24،000 ވަނީ ވުރެން މައްޗަށްގޮސްފައިވާއިރު މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.










