މަސްވެރިންގެ ވާހަކަތައް އަޑުއަހަން ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ވަގުތެއް ނެތްކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހޯދަން މަސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. އެކި ރަށްރަށުގައި މަސްވެރިން އަންނަނީ އެމީހުންނަށް ހައްގު ފައިސާ ދިނުމަށް ގޮވާލަމުންނެވެ.
މިކަމާއި ގުޅިގެން ޑރ. ޖަމީލު ވިދާޅުވީ، ކެމްޕޭނު ދުވަސްވަރު ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތަކަށް މިއަދު އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ މި ސަރުކާރުން ވެފައި ހުރި ވައުދުތައް މިހާތަނަށް ފުދިފައި ނުވާތަނުގައި ސަރުކާރުން އަންނަނީ އިތުރު ވައުދުތައް ވަމުން ކަމަށެވެ. އަދި މި ވައުދުތައް ސަރުކާރަށް ނުފުދުމުން އެއީ ކުރީގެ ސަރުކާރުން ވެފައިވާ ވައުދުތަކެއް ކަމަށް މިއަދުގެ ސަރުކާރުން އަންނަނީ ބުނަމުން ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ޑރ. ޖަމީލު ވިދާޅުވީ ނުފުދިގެން އުޅެ ވައުދުތައް ވީއިރުވެސް ގައުމުގެ ހާލަތު އޮތީ ހަމަ މިއަދެކޭވެސް އެއްފަދައިން ކަމަށެވެ. ޑރ. ޖަމީލު ވަނީ ސަރުކާރުން މި ވައުދުތައް ވާން މަޖުބޫރު ކުރީ ކޮން ފަރާތަކުންތޯވެސް ސުވާލު އުފައްދަވާފައިއެވެ. ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަން ލިބުމުގެ ކުރިން މަސްވެރިންނަށް ވީފަދައިން އެތައް ވައުދުތަކެއް ވެވަޑައިގެންފައިއެވެ.
މީގެ އިތުރުން މި ސަރުކާރުން ތަރައްގީކުރަން ވައުދުވި އެއްބަސްވުންތައް މިއަދު ވީ ކޮންތާކުތޯ ސުވާލު އުފައްދަވާ ޑރ. ޖަމީލު ވިދާޅުވީ މި ސަރުކާރުން އަންނަނީ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ އިންވެސްޓްމެމްޓުތައް ދަމާލަމުން ކަމަށެވެ.