

ހަރުފަ ދަތް އެޅުން އާންމުވާތީ ބަންގްލަދޭޝްގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ވިހައިން ދިފާއުވާ އެންޓި ވެނަމް ސްޓޮކް ކުރުމަށް ބަންގްލަދޭޝްގެ ހެލްތު މިނިސްޓްރީން އަންގައިފިއެވެ.
ހަރުފަ ދަތްއަޅާ މީހުން ވީހާވެސް އަވަހަކަށް ހޮސްޕިޓަލްތަކަށް ގެންދިއުމަށް ހެލްތު މިނިސްޓަރު ޑރ ސަމަންތާ ލާލް ސެން ވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.
ބަންގްލަދޭޝްގެ ރަށްފުށުގެ ހޮސްޕިޓަލްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަރުފަ ދަތްއެޅުން އިތުރުވެފައިވާއިރު ހަރުފައިގެ ތެރޭގައި ހާއްސަކޮށް ދެކުނު އޭޝިއާ އިން ފެންނަ ރަސަލްސް ވައިޕަރ ހިމެނެއެވެ.
މި ހާދިސާތަކަކީ ފާއިތުވި ހަފްތާތަކުގައި ބަންގްލަދޭޝްގެ ސޯޝަލް މީޑިއާގައި ބޮޑު މައުޟޫއަކަށް ވެފައިވާ ހާދިސާތަކެކެވެ.
ކެއުމަށް މީދާ ފަދަ ތަކެތި ޝިކާރަކުރާ ރަސަލްސް ވައިޕަރ ގިނައިން ފެންނަނީ އިންސާނުން އާބާދުވާ ތަންތަނުގެ ކައިރީގައި، އަދި ދަނޑުވެރިކަމުގެ ބިންތަކުގައި ޚާއްޞަކޮށް ދަނޑުވެރިކަމުގެ މޫސުމުގައި ކަމަށްވެއެވެ.
2023 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބަންގްލަދޭޝްގައި ކޮންމެ އަހަރަކު ހަރުފަ ދަތްއެޅުމުގެ ސަބަބުން ގާތްގަނޑަކަށް 7،000 މީހުން މަރުވެއެވެ. ޝިކާރައަކަށްވާ ގިނަ މީހުން ސަލާމަތްވަނީ އެންޓި ވެނަމް އިން އަވަހަށް ފަރުވާ ދިނުމުންނެވެ.
ބަންގްލަދޭޝްގައި 2002 ވަނަ އަހަރު ރަސަލްސް ވައިޕަރ ނެތިގެން ގޮސްފައިވާ ކަމަށް އިއުލާން ކުރި ނަމަވެސް މިހާރު މި ބާވަތް ވަނީ އެނބުރި އައިސްފައެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އާންމުކޮށް ހިކި ސަރަހައްދުތަކުގައި އުޅޭ މި ހަރުފަ ވަނީ މޫސުމުގެ ތަފާތު ހާލަތްތަކަށް ހޭނި، މިހާރު ބަންގްލަދޭޝްގެ 25 އަށް ވުރެ ގިނަ ޑިސްޓްރިކްޓަކަށް ފެތުރިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ހަރުފަ ދަތްއެޅުމަކީ ޓްރޮޕިކަލް ބަލިތަކުގެ ތެރެއިން އެންމެ އިހުމާލުވެފައިވާ އެއް ބަލި ކަމަށާއި އެ ބަލިތަކާ ކުރިމަތިލުމަކީ އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ.