މި ސަރުކާރުން ޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމުގެ ޒިންމާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި އަޅަން މަސައްކަތް ކުރުމާއި މެދު ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ސަރުކާރުން ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީގެ އިންސައްތަ އިތުރު ނުކުރަން މި ސަރުކާރުން ވަނީ ވައުދުވެފައިއެވެ. ނަމަވެސް ބުދަ ދަވަހު މިވަނީ މިއާއި ޚިލާުފު އަޑުތަކެއް އިވެން ފަށާފައިއެވެ.
މި ސަރުކާރުން ޖީއެސްޓީ އިތުރު ކުރަން ނިންމި ކަމުގެ އަޑުތައް އިވެން ފެށުމާއި އެކު ދެން ފެނުނީ ސަރުކާރުގެ މިނިސްޓަރުން އަދި ސަސްޕެންޝަންގައި ތިބި ސްޓާފުންވެސް ރައީސް ސޯލިހާއި ދިމާލަށް ފާޑުކިޔުންތައް އަމާޒުކުރަން ފެށި މަންޒަރެވެ.
މިކަން ރައްޔިތުން ވަނީ ކުށްވެރި ކޮށްފައިއެވެ. އަދި މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ޚުދު ޑރ. މުހައްމަދު މުއިއްޒު ކަމަށްވެސް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
ސޯޝަލް މީޑިއާގައި ބައެއް ރައްޔިތުން ވަނީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ކުރީގެ ސަރުކާރުގެ މަސައްކަތައް ފާޑުކިޔުއްވަންތޯ ނުވަތަ ގައުމުގެ ހާލަތު ކުރިއަރުވަންތޯވެސް ސުވާލުއުފައްދާފައިއެވެ.
ރައްޔިތުން އަންނަނީ މިހާރުވެސް ދެފުށް ޖައްސަން ކުރާ މަސައްކަތް ދެން އިތުރުވެގެން ދާނެ ކަމަށާއި ހަމައެކަނި ދިރުއުޅެން ބޭނުންވާ ޒަރޫރީ ތަކެތި ފިޔަވާ އިތުރު ހަރަދެއް ކުރާނެ ފައިސާ ނުހުންނާނެ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.