އެއްވެސް މަސައްކަތެއް ނުކޮށް ސަސްޕެންޝަންގައި ތިއްބަވާ ނައިބު ވަޒީރުންނަށް ސަރުކާރުން މުސާރަ ދެމުން ގެންދަވާތީ ކުރީގެ ނައިބު ރަީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަކި ބަޔަކު މަސައްކަތެއް ނުކޮށް ތިއްބާވެސް މުސާރަ ދެމުންގެންދަވާތީ އެއީ ބެލެވެންޖެހޭނެ ވަރުގެ މައްސަލައެއް ކަމަށެވެ.
އަދި އޭގެއިތުރުންވެސް އެ ފައިސާ އަކީ ރައްޔިތުންގެ ފައިސާ ކަމަށްވާއިރު ނުފޫޒުގެ ބޭނުންކުރައްވައިގެން އެ ކުރައްވަނީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ ފަރާތްތަކަށް މުސާރަ ދިނުމަށް އެންމެ ދުވަހަކުވެސް ރައްޔިތުންގެ ފައިސާއިން ޚަރަދެއް ކުރެވިގެން ނުވާނެ ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވުވެފައެވެ.
މިކަމަކީ ގާނޫނީ ކުށެއް ކަމަށް ވިދާޅުވެ މި މައްސަލަ ތަހުގީގު ކުރައްވަން ވެސް އެމަނިކުފާނު ވަނީ ޕޯސްޓްގައި ގޮވާލާފައެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޝަނުގައި ތިބި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ، މަލްޝާ ޝަރީފާއި, މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކުރައްވާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ނެންގެވި ފައިސާގެ އަދަދު ފަސް ލައްކަ ރުފިޔާއަށް އެރުމާއި ގުޅިގެންނެވެ.
މި ތިން ނައިބު ވަޒީރުން ސަސްޕެންޑް ކުރެވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެންކަން ވެސް ފާހަގަކޮށްލެވެއެވެ.
ރ. މުއިއްޒުގެ މި މަައްސަލަ، ރައްޔިތުންގެ ފައިސާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށްދެމުން ގެންދާ މައްސަލަ ތަޙްގީގު ކުރެވެންޖެހޭ.
— Mohamed Jameel Ahmed (@MJameelAhmed) July 3, 2024
އެއްވެސް މަސައްކަތެއް ނުކޮށް، އެއްވެސް މީހަކަށް އެންމެ ދުވަހަކަށްވެސް ރައްޔިތުންގެ ފައިސާ ޚަރަދެއް ނުކުރެވޭނެ ! މިއީ ގާނޫނީ ކުށެއް! https://t.co/I0hlQq6VZQ