ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާއިރު އެކަމާ މެދު ދިވެހި ސަރުކާރުން ގޮތް ނުނިންމާ 223 ދުވަސް ފާއިތުވެއްޖެއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އެދި ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ ކައިރިއަށް އާންމުން ފުރަތަމަ އެއްވީ މިދިޔަ ނޮވެމްބަރު 15 ގައެވެ.
ސިލްސިލާ އަޑުއުފުލުންތަކަށްފަހު ޕްރެޝަރު ބޮޑުވެ މަޖިލީހަށް ބިލުތަކާއި ގަރާރުތައް ހުށަހެޅި އެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ނޮވެމްބަރު 16، ގައި ރައީސަށް ސިޓީއެއް ވެސް ވަނީ ފޮނުވާފައެވެ.
އެއާއެކު އޭރު ރައީސް އޮފީހުގެ ޕްރެސްތަކަށް އަރުއްވަމުން ގެންދެވި ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ، ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މަސައްކަތްތައް ކަމާބޭހޭ އިދާރާތަކުން ކުރަމުންދާ ކަމުގައެވެ.
އެހެންނަމަވެސް މިހާތަނަށްވެސް އިޒްރޭލު ރައްޔިތުން ރާއްޖެއައުން މި ސަރުކާރުން މަނާކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން މިހާރުގެ ޗީފު ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުން ދެމި އޮންނާނީ ފަލަސްތީނާއެކު ކަމަށެވެ.
ނަމަވެސް ފަލަސްތީނާ ދެކޮޅަށް ނިރުބަވެރި އިޒްރާއިލުން ހިންގަމުން ގެންދާ ޖަރީމާތަކާ ދިވެހި ސަރުކާރާ ރައްޔިތުންވެސް ދެކޮޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާއިރު، ރައީސް އޮފީހަށް އެ މައްސަލަ މަޖިލީހުން ފޮނުވާ 200 އަށް ވުރެ ގިނަ ދުވަސްވެފައިޥާއިރު އަދިވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައިނުވާތީ ގިނަ ބަޔަކު ގެންދަނީ ރައީސް މުއިއްޒުގެ ނިޔަތާ މެދު ސުވާލު އުފައްދަމުންނެވެ.
އެކަމަކީ ރައީސްގެ ގަރާރަކުން ކުރެވޭނެ ކަމަށްވާއިރު ވަޒީރުންގެ މަޖިލީހުގެ ތެރެއިން ވަކި ކޮމިޓިއެއް ހަދުވާ އެކަން ދިރާސާ ކުރުމުގެ ނަމުގައި ދުވަސްތަކެއް ބޭކާރު ގޮތުގައި ސަރުކާރުން ދުއްވަމުން ގެންދިޔައީ ސައްހްޔޫނީންގެ ޕާސްޕޯޓު މަނާ ނުކުރަން ވެގެން ކަމަށް ވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރުމާ މެދު ދިވެހި ސަރުކާރު ފަސްޖެހެމުން ދަނީ އެމެރިކާއިން އިންޒާރު ދިނުމާއި ގުޅިގެންނެވެ. އިޒްރޭލް ޕާސްޕޯޓް ބްލޮކް ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށް އެކަން ކޮށްދިނުމަށް ރައީސް މުއިއްޒަށް އެންގުމުން، އެމެރިކާއިން މުއިއްޒަށް އިޒްރޭލާއި ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް އެންގިކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މަޖިލީހަށް އަނބުރާ އެ މައްސަލަ ފޮނުވާލީވެސް އެކަން ނުކުރުމަށް ކަމަށްވެސް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން މިހާރު އޮތް ޕީއެންސީގެ މެޖޯރިޓީއިން އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާނެ ކަމަށް ގިނަ ބަޔަކު ގެންދަނީ ތުހުމަތު ކުރަމުންނެވެ.
ރައީސް މުއިއްޒު ސަރުކާރު އައުމަށް ފަހު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލަށް ގަތުލުއާންމު ނުވަތަ އެއީ ޖެނަސައިޑެއް ކަމަށް ބުނުން ވަނީ ހުއްޓާލާފައެވެ. ކުރީ ސަރުކާރުން، އިޒްރޭލުން ހިންގާ ގަތުލުއާންމު އެއީ ޖެނަސައިޑް ނުވަތަ ގަތުލު އާންމެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މި ސަރުކާރުން ދަނީ އިޒްރޭލާއި މެދު އެފަދައިން މުހާތަބު ނުކުރަން އެމެރިކާގެ ނިވްޔޯކުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަންގާފައެވެ.