
އިސްރާއީލުގެ އަސްކަރިއްޔާއިން ޚާން ޔޫނިސްގައި ހުންނަ ރެޑް ކްރެސެންޓްގެ މައި މަރުކަޒަށް ހަމަލާދީފި ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ މައި މަރުކަޒަށް އާޓިލަރީ ބޮން އަޅާފައި ކަމަށް އެ ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައިއެވެ.
ޕީއާރުސީއެސް އިން އެކްސްގައި ބުނެފައިވާގޮތުގައި މި ހަމަލާގެ ސަބަބުން "އިސްރާއީލުގެ ޑްރޯންތަކުން ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި، އޭގެ ސަބަބުން އަޅުގަނޑުމެންގެ ތަނުން ރައްކާތެރިކަން ހޯދަން ތިބި މީހުންނަށް ވަނީ އަނިޔާވި" ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ޚާން ޔޫނިސް އަށް ދިގުދެމިގެންދާ ހަމަލާތައް ދީފައިވާއިރު، އޭގެ ސަބަބުން އެތައް ސަތޭކަ އާންމުންނަށް ވަނީ ގެއްލުން ލިބިފައިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ސިޓީގައި ތިބި ހަމާސްގެ ހަނގުރާމަވެރިން ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައި ނުވާއިރު، ބޭސްފަރުވާ އާއި ސާފުބޯފެން ނުލިބުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ ތެރޭގައި އެކި ކަހަލަ ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ.
މީގެ އިތުރުން ކާބޯތަކެތި ނުލިބުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ވަނީ ބަނޑައްޖެހިފައި ކަމަށްވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައިއެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން އިސްރާއިލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 24،000 ވަނީ ވުރެން މައްޗަށްގޮސްފައިވާއިރު މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.










