ގައުމުގެ މާލީ ހާލަތު ފޮރުވައިގެން ސަރުކާރަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އޭނާ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށާއި ކުރިއަށް އޮތްތަނުގައި ހަރަދު ކުޑަކުރުމުގެ ގޮތުން ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެންނަން ވިސްނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމު އިސްލާހުކޮށް ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކޮށް ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ފައްޔާޒު ވިދާޅުވީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށެވެ.
އޭގެއިތުރުން، ގައުމުގެ މާލީ ހާލަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވި ނަމަވެސް ރައްޔިތުން ހިތި ބޭސް ބޯން ޖެހޭ ވާހަކަ ސަރުކާރުގެ ވެރިން ދެއްކުމުން ރައްޔިތުންނާއި އިންވެސްޓަރުން އަދި ފައިނޭންސަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ވެސް ފައްޔާޒް ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.