އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާއެއް ފެށުމުގެ ގޮތުން ގުރުއާން ކިޔެވި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފިއެވެ.
އެ މުވައްޒަފަކީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިންކަން ތޭރަ އޮންލައިން އަށް ވަނީ ކަށަވަރުވެފައެވެ.
އެ ކުންފުނިން އޭނާއަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރީ ތިން ދުވަހަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން ކަމަށެވެ.
ޗިޓު ފޮނުވާފައިވަނީ މިއަދު ކަން ފާހަގަކޮށްލެވެއެވެެ.
ނަމަވެސް އެމްޑީޕީން ބުނީ އޭނާ ވަކިކުރީ ޕޯޑިއަމްގައި ގުރުއާން ކިޔެވުމުގެ ސަބަބުން ކަމަށެވެ.
މިއީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޝާއިން ގުރުއާން ކިޔެވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.
އެޗްޑީސީގެ ސިޓީގައި ބުނެފައިވަނީ އެ ކުންފުނީގެ ޑިސިޕްލިނަރީ އުސޫލުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ސަބަބެއް ނެތި އަހަރެއްގެ ތެރޭގައި ތިން ދުވަހު މަސައްކަތަށް ނުނިކުމެއްޖެނަމަ ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ތޭރަ އޮންލައިންއަށް އެޗްޑީސީގެ ބަހެއް ލިބިފައިނުވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް އައީ އެެއްވެސް ސިޔާސީ ފިކުރެއްގެ ބަޔަކާ މެދު ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމުގެ ވައުދާއެކުގައެވެ.
ނަމަވެސް މިހާރު ފެންނަމުންދަނީ ތަފާތު މަންޒަރެކެވެ.