މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ގުރުއާން ކިޔެވި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ކުރުން އެ ޕާޓީން ކުށްވެރިކޮށްފިއެވެ.
އެގޮތުން އެމްޑީޕީން ވަނީ ނޫސްބަޔާނެއް ނެރެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް ވެސް އެ ބަޔާނުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
އަދި އެ އަސާސީ ހައްގުގެ ބޭނުން ހިފުމަށް އެއްވެސް ޒާތެއްގެ ބިރުވެރިކަމެއް، ބިރުދެއްކުމެއް އަދި އެއްވެސް ފިޔަވަޅެއްވެސް އެޅުމަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ނުވަތަ ތާއީދުކުރާތީ ނުވަތަ ހަރަކާތެއްގައި ބައިވެރިވާތީ ވަޒީފާގެ ބިރުވެރިކަން ނޯންނާނެކަމަށް ރައީސް ޑރ. މުއިއްޒު ރިޔާސީ ކެމްޕެއިންގައި ވަނީ ވައުދެވެވަޑައިގެންފައެވެ.
އެހެންނަމަވެސް ވެވަޑައިގެންނެވި ވައުދާ ހިލާފަށް ސަރުކާރުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި ސަރުކާރަށް ތާއީދުނުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
ވަޒީފާގެ ބިރުދެއްކުން ކުށްވެރިކޮށް ނެރޭ ނޫސް ބަޔާންhttps://t.co/KyyofZRJuH pic.twitter.com/zZR8cUyHy8
— MDP Secretariat (@MDPSecretariat) July 9, 2024