

ސަރުކާރުގެ ހިލޭ ޑިގްރީގައި ދަރިވަރުން ބައިވެރިކުރުމުގެ ކުރިން ޓެސްޓެއް ދީގެން އެދަރިވަރުންގެ ފެންވަރު ވަޒަންކުރަންޖެހޭ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގުރާމްގައި ބައިވެރިކުރުމުގެ ކުރިން ދަރިވަރުންނަށް "ކެރިއަރ ގައިޑެންސް" ޕްރޮގުރާމެއް ހިންގަންޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ ޚިޔާލަކީ ހިލޭ ޑިގްރީ ޕްރޮގުރާމް ކޮންމެވެސް ވަރަކަށް ޕްރިއަރަޓައިޒް ކުރާށޭ، ކޮންމެވެސް ކަހަލަ ޓެސްޓެއް ކަހަލަ އެއްޗެއް ދީފައި އެކުއްޖާއަށް ކެރިއަރ ޓެސްޓެއް ހަދާފައި އެކުއްޖަކަށް ބޭނުންވާ ކުއްޖަކަށް ލިބޭކަހަލަ ގޮތަކަށް ހަދާށޭ، އޭރުން ވެސް ރަނގަޅުވާނެ،" މެމްބަރު ރިފާޢު ވިދާޅުވިއެވެ.
މި ސަރުކާރު ހުވާކުރެއްވި ފަހުން ރައްޔިތުންގެ މަންފާއަށް ހިންގަމުންދާ މިފަދަ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ނުވަތަ މިފަދަ ކަންކަމާއި ދެކޮޅަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވާހަކަދައްކާކަން ފާހަގަކުރެވެއެވެ.
ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މެންބަރުން މަދު ކުރުމަށް ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ދެކޮޅު އިރު، ރައްޔިތުންނަށް ފައިދާވާ މިފަދަަ ސިޔާސަތުތަކަށް ވަކި ގަވާއިދުތައް ފިއްތުންތައް ކުރުމަތި ކުރުވުމަކީ ސަރުކާރަށް އޮންނަ ގާބިލުކަން ގެއްލެމުންދާ ކަމެކެވެ.
މިއަށްވުރެ މަޖިލީހަށް ކުރިމަތިލާ މެންބަރުންނަށް ޓެސްޓެއް ދީގެން އެ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުން މާ އައުލާކަން ބޮޑެއް ނޫންތޯއެވެ.