
ރައްޔިތުންގެ މަޖިލީހުގެ ނައިބުކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ބާލަން ޕިއެންސީގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.
މި ނޫހަށް މައުލޫމާތު ދެމުން ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީގެ މަޖިލިސް މެމްބަރަކު ވިދާޅުވެފައިވަނީ، ބުދަ ދުވަހު ބޭއްވި ޕީޖީ ގްރޫޕު ބައްދަލުވުމުގައި ވަނީ ނާޒިމް މަޖިލީހުގެ ނައިބުކަމުން ވަކިކުރަން ފާސްކޮށްފައި ކަމަށެވެ. އަދި މަޖިލީހުގެ ނައިބުކަމުން އޭނާ ވަކިކުރަން ހަމަކުރަން ޖެހޭ ސޮއިވެސް ހަމަކޮށްފައިވާ ކަމަށް މައުލުމާތު ދީފައިވެއެވެ.
ނާޒިމްއާ ދެކޮޅަށް ފިޔަވަލުތަކެއް އަޅަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް މުއިއްޒު އާއި ސަރުކާރާ ދެކޮޅަށް ހިންގާ ބައެއް ކަންކަމުގެ އަޑީގައި އޭނާ ހުންނަވާ ކަމަށް ތުހުމަތުކޮށެވެ.
ބުރާސްފަތި ދުވަހު މި ދައުރުގެ ފަހު ޖަލްސާ ބާއްވާއިރު، މަޖިޅިހުގެ ރައީސް ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ވެއްދުމަށް ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ދައުރުގެ ފަހު ޖަލްސާގައި އެ މައްސަލަ ހުށަހަޅަން އޮތުމުން، ނާޒިމް ވަކިކުރުމުގެ މައްސަލަ ދެން އޮންނާނީ އާ ދައުރުގައި ކަމަށް ބެލެވެއެވެ. އެއީ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފި ނަމަ އޭނާއަށް ޖަވާބުދާރީވާން 14 ދުވަސް ދޭން ޖެހޭތީއެވެ.
ނާޒިމް މަޖިލީހުގެ ނައިބުކަމުން ވަކިކުރަން ހުށަަހަޅަން ޕީއެންސީއިން ނިންމިއިރު ބުދަ ދުވަހުގެ ހެނދނުގެ ވަގުތެއްގައި އޭނާ ވަނީ ޕިއެންސީގެ ރަސްމީ މަޖިލިސް ވަޓްސް އަޕް ގްރޫޕުން ބޭރުވެސް ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިޅިހުގެ ނައިބުކަމުން ނާޒިމް ވަކިކުރުމަށް ފަހު، ޕީއެންސީއިން ވެސް އޭނާ ވަކިކުރުމަށް ވަނީ ނިންމާފައެވެ. އެހާ ހިސާބުން ގޮނޑި ގެއްލޭނެއެވެ.










