ނ.މަނަދޫގައި މަރުވެފައި އޮއްވާ ފެނުން ނައިމާ މޫސާ / ސޯޝަލް މީޑިއާ
ހަބަރު
ނައީމާގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ މައުލޫމާތު ވަގުތުން ބެލޭނެ ގޮތް ހަދައިފި
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
25 ޖެނުއަރީ 2024

މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހު، އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު، ނ. މަނަދޫ އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ޝަރީއަތާ ބެހޭ މައުލޫމާތު ވަގުތުން ބެލޭނެ ގޮތް ހަދައިފިއެވެ.

މި އިންތިޒާމް ހަމަޖައްސައިފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވެބްސައިޓުންނެވެ.

މިކަން މިގޮތަށް ނިންމައިފައިވަނީ، އާންމުންގެ މަސްލަހަތާއި ޝައުގުވެރިކަން އޮތް މައްސަލައެއްކަމަށް ފެންނާތީ ކަމަށް ޕީޖީ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި މައްސަލައާއި އެ ބާވަތުގެ އާންމު މަސްލަހަތު ހިމެނޭ މައްސަލަތަކުގެ އަދާހަމަ ވެބްސައިޓުގައި އާންމުކުރަނީ، އެ ކަމަކާ ގުޅޭ މައުލޫމާތު ޕީޖީ އޮފީހަށް ގުޅައިގެން ސާފުކުރަން ނުޖެހޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށްވެސް އެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.

ނަޢީމާގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ނައީމާ ފެނުނީ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި އެކި ޒަހަމްތަކަކާއެކު މަރުވެފައިކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved