

މިއަދުގެ އެރި އިރާއެކު މުޅި ރާއްޖެ ސިއްސުވާލީ އަނެއްކާވެސް ބޮޑެތި ޒަކަމްތަކެއް ދީ މީހަކު މަރާލި ބިރުވެރި ޚަބަރާއެކުއެވެ.
އއ. މާޅޮހު، އޯކިޑް މާގެ އަބްދުއް ރަހުމާން 65އ ނިދާފައި އޮއްވާ ބޮލަސް ދިން ބޮޑެތި ޒަޙަމްތަކެއްގެ ސަބަބުން ފަރުވާ ދެމުން ގެންދަނިކޮށް ނިޔާވެފައިވާ މައްސަލައިގައި އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
މިއީ ނ. މަނަދޫގައި ވެސް އުމުރުން ދުވަސްވީ އަންހެނަކަށް ހަމަލާދީ މަރާލާފައި އޮއްވާ އެރަށުގައިވެސް ކަން ކުރި ގޮތެވެ. ނަމަވެސް މިކަމުގައި ސަރުކާރާ ފުލުހުން އަމަލުކުރި ތަފާތު ވީ ނ. އަޮތޅު ހޮޅުދޫގައި ބޮޑެތި ފުން ޒަކަމްތަކަކާ އެކު ނިޔާވި ޒަކިއްޔާ މޫސާގެ މަރުގައި ކަންކުރި ގޮތެވެ.
އެގޮތުން ޒަކިއްޔާގެ މަރުގެ ސީން ވެސް ރޫޅާލަން ފުރުސަތުދީ އަދި އެއީ އަމިއްލަ މަރެއްގެ ގޮތުގައި މާ ކުރިމް ފެށިގެންވެސް ރަށުގައި ތިބި ފުލުހުން ނިންމާފައިވާކަމަށް ދޭހަވާ ކަމަށް އެ ރަށުގެ ރައްޔިތުން އައީ ތަރުޖަމާ ކުރަމުންނެވެ.
އެ ރަށުގެ ރައްޔިތުން ތަކުރާރުކޮށް ބުނަމުން ދިޔައީ ނައީމާގެ މަރުގައިވެސް މުޅި މަނަދޫ ބަންދުކޮށް ގާތިލުން ހޯދިއިރު ހޮޅުދީގައި ކަންކުރީ ތަފާތުކޮށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ. މީގެ އިތުރުން ޒަކިއްޔާގެ ޕޯސްޓުމޯޓަމް ނުހަދާ ވަޅުލީތީވެސް އެ ރަށު ރައްޔިތުން ނުރުހުން ފާޅުކޮށްފައިވެއެވެ.
ޒަކިއްޔާގެ މަރަށް 10 މަސް ފަހުން އަނެއްކާވެސް ނާމާންކަމެއް ފެތުރިގެން ދިޔައިރު މާޅޮސްވެސް ބަންދުކޮށް ގާތިލުން ހޯދުމަށް މަސައްކަތް ފެށުމާ އެކު ހޮޅުދޫގެ ރައްޔިތުން ވަނީ އެމީހުން ޝުއޫރުތައް މީސް މީޑީޔާގައި ބަންޑުން ކުރަން ފަށާފައެވެ.
އެގޮތުން މާޅޮހުގައި އުމުރުން ދުވަސްވީ މީހަކުގެ ޒަޚަމްތަކަކާއި އެކު ފެނިނިފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު 24 ވަނަ ދުވަހު ނ. ހޮޅުދޫއިން ޒަޚަމްތަކަކާއި އެކު ފެނުނު ޒަކިއްޔާ މޫސާގެ މައްސަލަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގްކުރަމުން ކަމަށް ބުނެ ދައުލަތުގެ މީޑިޔާއިން ރިޕޯޓުކޮށްފައިވާތީ އެކަމަށް ރައްދުދީފައިވެއެވެ.
ސީރިއަސް މައްސަލައެއް ގޮތުގައި ތަހްޤީގުކޮށް ބަލާނަމަ އެކަމުގައި އިހްމާލުވި މީހުންނަށް ދޭންވާ ޙައްޤު އަދަބު ނުދެވި މިނިވަން ކަންމަތީ މިހާ ދުވަސްވާއިރު އުޅެވިގެންނުވާނެ ކަމަށް ބުނެ ޚަބަރު ލިޔާ ބަޔަކުވެސް، ތާރީޚްވެސް ރަގަޅުކޮށްލާފައި ރަގަޅަށް ތެދު ދޮގު ހޯދާ ބަލާފަ ލިޔަން ބުނެފައިވެއެވެ.
މީގެ އިތުރުން "ހޮޅުދޫގެ ޒަކިއްޔާގެ މަރުގެ ތަހުގީގު ވިސްނާލާ" ލިޔެފައާ "ހޮޅުދޫ ރައްޔިތުން ތަފާތުކުރި" މިފަދަ އިބާރާތްތަކުން ހޮޅުދޫގެ ރައްޔިތުން ވަނީ މީސް މީީޑިޔާގައި އެމީހުންގެ ހިތުގެ ވޭނީ އަޑު ސަރުކާރަށް އިއްވަން އަނެއްކާވެސް މަސައްކަތްކޮށްފައެވެ.
ޒަކިއްޔާގެ މަރަކީ އަމިއްލަ މަރެއްގެ ގޮތުގައި ފުލުހުން ވަނީ ނިންމާފައެވެ. އަދި ހޮޅުދޫގެ ރައްޔިތުން އެކަން ގަބޫލުނުކޮށް އިހުތިޖާޖުކުރުމުން ވަޒީރު އަލީ އިހުސާންއާ ފުލުހުންގެ ވެރިން ވެސް އެރަށަށް ދަތުރުކުރި ނަމަވެސް ވިސްނައިދޭން މަސައްކަތްކޮށްފައިވަނީ ޒަކިއްޔާގެ މަރަކީ އަމިއްލަ މަރެއް ކަމަށެވެ.
މިކަމުގެ ފަހަތުގައި ވަނީ ޒަކިއްޔާގެ ފިރިމީހާއާ ސަރުކާރުގެ ވެރިންތަކެއްގެ މެދުގައި އޮތް ގާތް ގުޅުން ކަމަށްވެސް އެ ރަށު ރައްޔިތުން ތުހުމަތުކުރެއެވެ. އަދި ޒަކިއްޔާގެ މަރުގެ ފަހަތުގައި ފޮރުވިގެން ގާތިލުންތަކެއް އެރަށޫގައި ދިރިއުޅެމުންދާ ކަމަށާ އެހެންކަމުން ރަށުގައި ރައްކާތެރިކަމެއް ނެތްކަމަށް އެތައް ރައްޔިތުންނެއް ބުނެފައިވެއެވެ.