އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދަށް ސަރުކާރުން މިހާރު އިތުބާރު ނުކުރަށްވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ނާޒިލް މިފަދައިން ވިދާޅުވީ އެމް.ޑީ.ޕީ.ގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ނާޒިލް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާލާފައިވާއިރު ސަރުކާރުން މިހާރު ޢަމަލުކުރަމުންދަނީ ވަރަށް ދެރަވަރުކޮށް ކަމަށާއި ޚާއްސަކޮށް އެކި ބޭފުޅުންގެ ބޮލުގައި އެކަމުގެ އިލްޒާމް ސަރުކާރުން އަޅުވަމުންދާ ކަމަށެވެ.
އެގޮތުން އިޤްތިޞާދު އަޑިއަޅާލީ ކުރީ ސަރުކާރުގެ ސަބަބުންކަމަށް އެންމެ ފުރަތަމަ ސަރުކާރުން ބުނަމުން ދިޔަކަމަށާއި އޭގެ ފަހުން ގަވަނަރު ކަމުނުގޮސްގެން ގަވަރުނަރުވެސް މަޤާމުން ވަކި ކޮށްފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ މިހާރު އަޑު އިވެމުންދަނީ އިޤްތިޞާދީ ވަޒީރާމެދު ސަރުކާރުން ދެކޭގޮތް ބަދަލުވެއްޖެކަމުގެ އަޑުތައް ކަމަށާއި ވަޒީރު ސަޢީދަށް ސަރުކާރުން މިހާރު އިތުބާރު ނުކުރަށްވާ ކަމަށެވެ.
އެގޮތުން އެންމެ ފަހުން ޗައިނާއަށް ސަރުކާރުގެ އިސްބޭފުޅުން ކުރެއްވި ޒިޔާރަތުގައި ވަޒީރު ސަޢީދު ހިމަނުއްވާފައި ނުވާކަމަށް ނާޒިލް ވިދާޅުވިއެވެ.