ރެޖިސްޓަރ ނުކޮށް ދުއްވާ އުޅަނދުތައް ނަގަނީ / ސޯޝަލް މީޑިއާ
ސިޔާސީ, ހަބަރު
ހައްލު ހޯދައި ނުދީ ދައުލަތައް ލާރި ހޯދުމުގައި ސަރުކާރު އަވަދިނެތި
Aminath Zara
އައިމިނަތު ޒާރާ
24 ޖުލައި 2024
މާލެ ސިޓީ

ރެޖިސްޓަރ ނުކޮށް ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް ސަރުކާރުން ފެށުމާއި ގުޅިގެން އާންމުންގެ ގިނަ ފަރާތްތަކުގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފަށައިފިއެވެ.

ރަޖިސްޓަރ ނުކޮށް އުޅަނދުތައް ދުއްވުމާއި ޕާކިން މައްސަލަތަކުގައި އުޅަނދުތައް ފުލުހުން ޓޯވް ކޮށް ޖޫރިމަނާ ކުރާ މައްސަލައަކީ ގައުމަށް ޖެހިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ.

އެއް ގަރާޖެއްގައި 100 އަށް ވުރެ ގިނަ އުޅަނދުތައް ރެޖިސްޓަރ ކޮށްފައިވާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން މި ސަރުކާރުން ވަނީ ކާރުތައް ރެޖިސްޓްރީ ކުރުން ހުއްޓާލާފައެވެ، ނަމަވެސް އާންމުންގެ މައްސަލަތަކަށް ހައްލެއް ހޯދައިނުދީ ދައުލަތަށް ލާރި ހޯދުމުގެ ނަމުގައި ވެހިކަލްތައް ޓޯވްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަކީ ރައްޔިތުންގެ ފައިސާއިން ގައުމގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން ބޭނުންކުރަމުންދާ އުކުޅެއްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ހަތަރު ފުރޮޅީ އުޅަނދުތައް (ކާރު) ރެޖިސްޓަރ ކުރުމަށް ގަރާޖުތައް ހިންގާ ފަރާތްތަކަށް ލައްކައެއްހާ ރުފިޔާ ދިނުމާއި، ޓްރާންސްޕޯޓް މިނިސްޓްރީގައި މިކަމުގައި އުޅޭ މުވައްޒަފުން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގައިގެން ރެޖިސްޓަރ ކޮށްދިނުން ވަނީ އާއްމުކަމަށްވެފައެވެ.

ވެހިކަލްތައް ގަންނަން ބޮޑެތި ޚަރަދުތައްކޮށް ރެޖިސްޓަރ ކުރުމަށްޓަކައި އޭގެ ދެގުނަ ޚަރަދުކޮށް އެކި މީހުންގެ ފަހަތުން ދުވުން ނިމުމަކަށް ގެންނަން ޖެހެއެވެ. މިފަދަ މައްސަލަތަކަކީ ސަރުކާރުން އިސްކަމެއްދީގެން މިހާރުން މިހާރަށް ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެކެވެ. އެހެންނަމަވެސް ފެނިގެންދަނީ މިފަދަ މައްސަލަތަކުންވެސް ސިޔާސީ މަންފާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަތަނެވެ.

ގަރާޖް ޒޯނުތައް އުފައްދަން ޖާގަތައް އޮވެމެ އެފަދަ މަޝްރޫއެއް ހިންގުމަށް ސަރުކާރުން ވަނީ ނުކުޅެދިފައެވެ. މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި ރައްޔިތުން ފެލައިގެން ކަންކަން ހިންގުމުގެ އާދަ ހުއްޓާލުމަށް މި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved