
ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށަށް ދަނީ ސަރުކާރުން ބަޖެޓުގައިވާ މަޝްރޫޢުތައް ކުރިއަށް ނުގެންދާތީ ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އަމްރު ވިދާޅުވީ ސަރުކާރުން ޕްރޮޖެކްޓްތައް ނުހިންގާތީ އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުވެ، އާންމު ވިޔަފާރި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
އަދި އެއީ ކަންބޮޑުވުން އޮތް ކަމެއްކަން ފާހަގަ ކުރަށްވަމުން އަމްރު ވިދާޅުވީ އިޤްތިސާދު ރަނގަޅު ކުރުމަށްޓަކައި މިއަހަރަށް ބަޖެޓްކޮށްފައިވާ ޕްރޮޖެކްޓްތައް އަވަހަށް ފަށަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު އިތުރަށް ދަށަށް ދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
ސަރުކާރުން ޚަރަދުކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވީ ނަމަވެސް އެއްވެސް ވަރަކަށް ޚަރަދު ކުޑަ ވެފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.










