ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި އަތޮޅުތަކަށް ކުރެއްވި ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި ދަތުރުތަކަށް ހޭދަވި ވަރު ހޯދުމަށް އޮންލައިން ނޫހަކުން އެދުމުން ރައީސް އޮފީހުން ވަނީ ދެ މަސް ފަހުން މި މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން ތިން މަހެއްހާ ދުވަސް ތެރޭގައި އއ. އަދި އދ. އަތޮޅު ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ރައީސް މުއިއްޒު މި ދަތުރުތަކުގައި ވަޑައިގެންނެވި އެވެ.
ރައީސް އޮފީހުން ބުނީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ޖުމްލަކޮށް ހަރަދުކޮށްފައިވަނީ 4،170،695ރ. (ހަތަރު މިލިއަން އެއް ލައްކަ ހަތްދިހަ ހާސް ހަ ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ކަމަށެވެ.
އޭގެ ތެރޭގައި އެކި ރަށްރަށުގައި ރައީސް އަދި ޓީމުގެ އެކޮމޮޑޭޝަނާއި ފްލައިޓު އަދި ލޯންޗު ހަރަދުގެ އިތުރުން ސައުންޑާއި ލައިޓިން އަދި ބެނާތަކަށް ކުރި ހަރަދުތައް ހިމެނެ އެވެ.
މަޖިލިސް އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ހާލު ބެލުމުގެ ނަމުގައި ސަރުކާރުން މި ވަނީ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައެވެ.