ދިވެހި ސަރުކާރު އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނު ރައްޔިތުންނާ އެކު ކަމަށާ ރާއްޖެއިން ފަލަސްތީނު މައްސަލައިގައި ސްޓޭންޑް ނަގާނީވެސް ފަލަސްތީނުގެ ހައްގުގައި ކަމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ހާމަކުރިއެވެ.
މީގެ އިތުރުން ސަހްޔޫނީންގެ ޕާސްޕޯޓުވެސް މަނާކުރާނެ ކަމަށާ ފަލަސްތީނުގެ މައްސަލައިގައި ބައިނަލްއަގްވާމީ ދުނިޔޭގައިވެސް ރާއްޖެ އޮންނާނީ ފަލަސްތީނާ އެކު ކަމަށް ވެސް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.
އެހެންކަމުން މި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން މި ސަރުކާރު އޮތީ ފަލަސްތީނުގެ މުސްލިމުންނާ އެކުކަމާ މެދު ސުވާލު އުފެދޭ އެތައް ފަހަރެއް ދެއެވެ.
ކަންމިހެން އޮއްވާ ބުދަ ދުވަހުގެ އިރުއެރިއިރު، ޣައްޒާގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވާހަރަކޮށްލި ޚަބަރާއެކު އެކަމާ މެދު ދުނިޔޭގެ ބޮޑެތި ބާރުތަކާ މުސްލިމު އެތައް ގައމުތަކުން އެކަމާ ދެކޮޅަށް އަޑު އުފުލާ އެ ހަމަލާ ކުށްވެރިވެސް ކޮށްފައިވެއެވެ. ނަމަވެސް ހަނިއްޔާ އަވާހަރަވީ ަފހުން 24 ގަޑިއިރު ފާއިތުވެގެން ދިޔައިއިރުވެސް ދިވެހި ދައުލަތުން އެކަމާ އެއްވެސް ބަސްފުޅެއް ވިދާޅުވެފައިނުވެއެވެ. ނުވީތާކަށް އިސްލާމީ ވަރުގަދަ ޝަޚްސެއް ޝަހީދުކޮށްލުމުން ސައްތަ އިން ސައްތަ އިސްލާމީ މި ގައުމުގެ ދިދަ ވެސް ބައި ދަނޑިއަށް ތިރިކޮށްލަން މި ސަރުކާރަށް ނުކެރުނެއެވެ.
ހަނިއްޔާ އަވަހާރަ ކޮށްލި ނިރުބަވެރި އަމަލު ކުށްވެރި ކުރި ގައުމުތަކުގެ ލިސްޓަކަށް ރާއްޖެއެއް ނޭރިއެވެ. 2016 ވަނަ އަހަރު އީރާނާ އެކު އޮންނަ ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލުމަށް ފަހު، 2023 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އަލުން ގުޅުން ގާއިމް ކުރި ފަހުން، ރާއްޖެއާ އިރާންއާ އޮތް ގުޅުން ބަދަހި ކުރުމަށް ދައުލަތުގެ އިސްވެރިއަކު އީރާނުގައި ހުންނަވަނިކޮށް މި ހިނގި ހާދިސާ އެއީ ކުށްވެރި ކުރަން ޖެހޭ ކަމެއް ކަމަކަށް ދިވެހި ސަރުކާރަކަށް ނުފެނުމަކީ އެއީ ޑިޕްލޮމެޓިކު ޕޮލިސީގައި ޖެހޭ ބޮޑު ސުވާލު މާކެކެވެ.
ތިމަންމެން މިތިބީ ފަލަސްތީނު ރައްޔިތުންނާ އެކު ކަމަށް ބުނެ ދަޅަ ދެއްކުމަށް އެކި ނަންނަމުގައި ދައުލަތުގެ މީޑިޔާ މެދުވެރިކޮށް ޓެލެތޯނުތައް ބާއްވާ މެޑަލް ޖަހަމުން ގެންދާއިރު އެ ފައިސާވެސް ފަލަަސްތީނަށް ހަވާލުކޮށްލަން ދިވެހި ސަރުކާރަށް އޮތީ ނުކެރިއެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ޚާރިޖި ވަޒީރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފަލަސްތީނު މައްސަލައިގައި ސަހްޔޫނީންނާ ދެކޮޅަށް ރާއްޖެއިން ބަސް ނުބުނާނެކަމުގެ ޔަގީންކަން އަރުވާފައިކަމަށެވެ.
އެއް ގައުމުން އަނެއް ގައުމަށް ކްރޮސްބޯޑަރ ހަމަލާތައް ދިނުމަކީ އަދި ވަކިން ޚާއްސަކޮށް ސިޔާސީ ފަރާތަކަށް ޓާގެޓް ކޮށް މަރުގެ ހަމަލާ ދިނުމަކީ ބައިނަލް އަގްވާމީ ގާނޫނުތަކުން ކަނޑައެޅިގެން މަނާ ކަމެއް ކަމުގައި ވިޔަސް ރާއްޖޭއިން މިވަނީ މި މައްސަލައިގައި ހަނު ތިބެފައެވެ. މަރަމުންދާ ކުށެއް ނެތް މުސްލިމުންގެ ހައްގުގައި މަސައްކަތްކުރާ ލީޑަރަކު ޝަހީދުކޮށްލުމަކީ ނިރުބަވެރި ހަމަލާއެކޭވެސް ބުނެލަން ނުކެރުނެވެ.
ނަމަވެސް މިއީ ދިވެހިން، ޚާއްސަކޮށް ދިވެހި ދައުލަތް ދެމި އޮތީ ފަލަސްތީނު ރައްޔިތުންނާއެކުކަން ހާމަކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތަކަށްވާއިރު މި ފުރުސަތު ދިވެހި ދައުލަތުން މިކަމާ ބަހެއް ނުބުނެ އޮތުމަކީ ހަގީގަތުގައިވެސް ދިވެހިން ލަދު ގަންނަވާލާ ކަމެކެވެ.
މޮޅެތި ޓްވީޓުތައް ކުރައްވަމުން ވަލިއްޔުލް އަމްރު ގެންދެވި ނަމަވެސް އަމަލުން އެކަންކަން ދައްކަވަންވީމާ ފަރުދާގެ ފުރަގަހަށް ވަދެ ފިއްލެވުމަކީ ފަލަސްތީނުގެ މުސްލިމުންގެ މޫނުމައްޗަށް ޖެހި ތަފާއްޔަކަށް ނޫނީ ނުވާނެއެވެ. ހަނިއްޔާ އަވަހާރަކޮށްލިތާ ދެވަނަ ދުވަހު ސަހްޔޫނީންގެ ނަން ނުގެނަސް ދިވެހި ސަރުކާރުން ދެ ފޮޅުވަތުގެ ބަޔާނެއް ނެރުމަކީ މިއީ ފަލަސްތީނާ އެކު ދެމިތިބުކަމުގެ ހެއްކެއްކަމެއް ބަލައިނުގަނެވޭނެއެވެ.
ފަލަސްތީނުގެ ދިފާއުގައި އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމި އޮންނަމޭ ބުނާ ބަހުގެ މާނައަކީ އެހެންކަމުން ކޮބައިކަމާ މެދު ސުވާލު އުފެދެއެވެ. ނޫނީ އެއީ ހަމަ ބުނެލާ ބުނެލުމެއް އެކަނި ބާއެވެ؟
ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރި ކުރުން ފަދައިން މިކަން ވެސް މިދިޔައީ ޖަމަލު ފޮޑިއަކަށް ވެގެންތާއެވެ.
ސަހްޔޫނީންގެ އެ ނިރުބަވެރި ހަމަލާއަށް ހިތްވަރު ދިނުންނޫން ގޮތެއްގައި ދިވެހި ސަރުކާރު އަމަލުން ހާމަނުވެއެވެ. ދުލުހުން ބުނަނީ މިއޮތީ ފަލަސްތީނާއެކު ކަމަށެވެ. އަމަލުން ދައްކަނީ ސަހްޔޫނީންނާ ދެކޮޅަށް ބަހެއް ބުނެލަން ނުކެރޭކަމެވެ.
އެހެންކަމުން މިހާ ހިސާބުން މި ސަރުކާރު ދެމި އޮތީ ފަލަސްތީނުގެ ރައްޔިތުންނާ އެކުތީ ނުވަތަ ސަޙްޔޫނީންގެ ދިފާއުގައިތޯ ސުވާލު އުފައްދަން މަޖްބޫރުވެއްޖެއެވެ.