ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދޭނީ 5 އަހަރު ކަމަށާ ދެން ނަގާ ލާނީ ޑަސްބިނަށް ކަމަށް ރާއްޖޭގެ ކުރީގެ ދާޚިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވީ، "ރާއްޖެ ޓީވީ"ގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒު ގައުމިއްޔަތާ މިނިވަންކަމާ އިޒްރޭލު ޕާސްޕޯޓު މައްސަލައާއި، އިންޑިއާ ސިފައިން ބޭރު ކުރަން ބުނި ބުނުމާ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ދެއްކެވި އެއްވެސް ވާހަކައަކީ ތެދުވެރި ނިޔަތާއެކު ދެއްކެވި ވަހަކަތަކެއް ނޫންކަމަށާ މިހާރު އެކަންކަން މިދަނީ ހާމަވަމުން ކަމަށެވެ.
އުމަރު ވިދާޅުވީ އެ ނިޔަތް އޮތް ނަމަ އެކަންކަން ކުރެއްވީސް ކަމަށާ ނަމަވެސް މިހާރު ހާމަވަމުން ދަނީ އެއީ ބާރު ހޯދުމަށް ދެއްކި ދޮގު ވާހަކަތަކެއްކަން މިއަދު ސާބިތުވާ ކަމަށް ވެސް އުމަރު ވިދާލުވިއެވެ.
މިއީ ވަރަށް ޗީޕު ޕޮލިޓިޝަނުން ކުރާ ކަންކަން. އެވާހަކަތަކުގައި "ސްޓްރޯންގް ކޮންވިކްޝަން" އެއް ނެތް. ގައުމިއްޔަތުގެ ވާހަކަވެސް ނެތް ބިންވަޅު ނެގިފައެއް. ދީނުގެ ވާހަކަވެސް ނެތް ބިންވަޅު ނެގިފައެއް. މިނިވަންކަމުގެ ވާހަކަވެސް އިންޑިއާ ސިފައިން ބޭރުކުރުމަށްވެސް ރައީސް ޔާމީން މިނިވަންކުރުމަށް ދެއްކި ވާހަކައަކީ ބާރު ހޯދަން ދެއްކި ވާހަކަތަކެއްކަން މިދަނީ "ޕްރޫވް"ވަމުން
އުމަރު އިތުރަށް ވިދާޅުވީ، މި ހިނގަމުންދާ ސަރުކާރުން ދައުރު ނިންމާލެވޭނެކަމާމެދު ޝައްކު ކުރާ އެތައް ބަޔަކުވެސް އެބަތިބި ކަމަށާއި، އޭނާއަކީވެސް އެ ޝައްކުގެ މަތީގައި ހުންނެވިކަމަށެވެ. އަދި ރައްޔިތުން މި ސަރުކާރަށް ދިނަސް ދޭނީ ފަސް އަހަރު ކަމަށާ ދެން ލާނީ ޑަސްބިނަށް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.