ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ސައިބަރ ކްރައިމް ބިލަކީ ނުރައްކާތެރި ބިލެއް: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
05 އޯގަސްޓު 2024
މާލެ ސިޓީ

ސައިބަރކުށްތައް ތަހުގީގުކޮށް ދައުވާކުރުމުގައި އަމަލުކުރާނެ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށްޓަކާ މަޖިލީހަށް ހުށަހަޅާފައިވާ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަކީ ނުރައްކާތެރި ބިލެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދަ ފްރޮންޓު އޮފީހުގައި ހޯމަ ދުވަހުގެ ރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ސައިބަރ ކްރައިމް ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލުން ފުލުހުންނަށް ލިބެން ނުޖެހޭ ބާރުތަކެއް އެ ބިލު ފާސްވެއްޖެ ނަމަ ލިބިގެންދާނެ ކަމަށާ އެއީ ނުރައްކާތެރި ކަމެއްކަމަށެވެ. އޭގެ ސަބަބުން ފުލުހުން ފްރޭމުކުރަން ބޭނުންވާ ކޮންމެ މީހަކު ފްރޭމުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ކުށް މަދުވުމަކީ އަޅުގަޑުވެސް އެދޭ އެދުމެއް. ސައިބަރ ކްރައިމްގެ ނަމުގައި މަޖިލީހަށް ފުލުހުން ފަރުމާކޮށްފަ ފޮނިވައިގެން އުޅޭ ބިލަކީ ވަރަށް ނުރައްކާތެރި ބިލެއް. ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ފުލުހުން އިތުރު ބާރުތަކެއް ހޯދަންވެގެން ވަރަށް ގިނަ ކަންތައްތަކެއް ކުރި. މިއީ ޕްރައިވެޓު ރައިޓްސްއަށް އަރައިގަންނަން އިންފްރިންޖު ކުރާ ކަންތައްތައް. ވާގޮތަކީ ފުލުހުން ކަމެއް ކުރީމަ ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯވޭ. އެމީހުންނަށް އެކްސެސިވް ބާރު ދިނީމަ ބެލޭނެ ގޮތެއް ހެދޭނެ ގޮތެއް ނޯވޭ. ދެން ބުނާނޭ އެއައިސީއަށް ދާށޭ. އެއަކުން ކުރެވޭ ކަމެއް ނެތް. ސައިބަރ ކްރައިމްގައި ކިހާވަރެއްގެ ކްރައިމެް ހިނގާތީތޯ މިއުޅެނީ. އެމީހުން ހިތު ހުރި ބައެއްގެ ފޯނުތަކާ ކޮމްޕިއުޓާރ އާ ޓެބްތަކާ މިކަހަލަ ހުރިހާ އެއްޗެއް މޮނިޓަރ ކުރުމާ އެކްސެސިބިލިޓީ އެމީހުންނަށް އެބަ ލިބޭ މި ގާނޫނު އެގޮތަށް ފާސްވެއްޖެއިއްޔާ. ދެން މީގަ އެއްވެސް ތަނަކުން އަދި ހޯމް މިނިސްޓަރު އިހުސާންވެސް ކަށަވަރު ނުކޮށްދޭނެ މިކަން ވޮރެންޓުކުރާ މީހުންގެ ސައިބަރ ކްރައިމްތޯ މިއުޅެނީ. އެމީހުން ބަލަންވީމަ ހުރިހާ އެއް ބަލާ. ސަރުކާރެއް ބަދަލުވީމަ ދެން މިއިނގެނީ މިވެނި އެވެނި ސިޔާސީ މީހެއްގެ ކަންކަން މޮނިޓަރކޮށްފައި ހުރިކަން. މިހާރުވެސް ފޯނު ކޯލުތައް އަޑު އަހާ.

- ރައީސް ޔާމީން

އެގޮތުން މިހާރުވެސް ފުލުހުން ބައެއް ކަންކަމުގައި އަމަލުކުރަމުންދަނީ ގާނޫނުން ލިބިދޭ ބާރާ އެއްގޮތަށް ނޫން ކަމަށާ މުޒާހަރާތަކުގައި ފުލުހުން އަމަލުކުރަމުން ދާ ގޮތަކީ ވެސް އޭގެ ފުރިހަމަ މިސާލެއް ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ފުލުހުން ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭނީ އަމަލުން ކަމަށެވެ. ފާއިތުވި ދެ ސަރުކާރެއްގައި ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ވަނީ ގެއްލިފައި ކަމަށާ އެއީ ފުލުހުން ލިބިދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ގެންގޮސްފައިވާތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ސައިބަރ ކްރައިމް ބިލުގައި ކުށްތައް ގިންތިކޮށްފައި ވަނީ ސައިބަރ ކްރައިމްގެ މައްޗަށް ދައުވާ ކުރެވޭނެ ސާފު ގާނޫނީ އޮނިގަނޑެއް ހޯދައިދިނުމުގެ ގޮތުންކަމަށް ބުނެފައިވެއެވެ. މިފިޔަވަޅަކީ ސައިބަރ ނުރައްކާތައް އިތުރުވަމުންދާތީ އެކަމަށް ހައްލެއް ހޯދައިދީ، ރާއްޖޭގައި ސައިބަރ ސެކިއުރިޓީ ލޭންޑްސްކޭޕް އިތުރަށް ހަރުދަނާކުރުން ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

އެ ބިލު ހުށަހެޅުމަކީ ދިވެހި ސަރުކާރުގެ ގާނޫނީ ނިޒާމު ޒަމާނީ ފެންވަރަށް ބަދަލުކޮށް، ޑިޖިޓަލް ޒަމާނުގައި އުފެދޭ އާ ބާވަތްތަކުގެ ކުށްތަކަށް އިޖާބަދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ ފުޅާ ދާއިރާއެއްގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުށަހަޅާފައިވާ ބިލެއްކަމަށް ބުނެފައިވެއެވެ. ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެނަމަ، ސައިބަރ ކްރައިމްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް މިހާރަށްވުރެ އިތުރަށް ލިބިގެންދާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved