
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓު މެންބަރުން ފްރޮންޓު އޮފީހުގެ ޖަލްސާތަކުން ދަރުސް ނަންގަވާތީ އުފާ ކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ އިސް ގާނޫނީ ވަކީލް ޑޜ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ ޖަމީލް ވިދާޅުވީ މި ސަރުކާރުުގެ ކެބިނެޓު މެންބަރުން ފްރަންޓު އޮފީހުގެ ޖަލްސާތަކުން ފިލާވަޅު ނަންގަވާތީ އުފާ ކުރައްވާ ކަމަށެވެ.
މިފަދައިން އެމަނިކުފާނު ވިދާޅުވެފައި މިވަނީ ކަނޑު ވިއްކާލީ މައްސަލައިގާ މި ސަރުކާރުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ގާނޫނީ ލަފާ ހޯއްދެވުމަށް ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.
މީގެ ކުރިން ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ގެއްލުނު ކަނޑު ހޯދުމުގެ މަސައްކަތަށް ޑރ މުނައްވަރު އެހީ ނުހޯއްދަވާ ތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
މީގެ އިތުރުން ޑރ ޖަމީލް ވިދާޅުވީ ބައެއް ވަޒީރުން ބޮޑުބަސް ވިދާޅުވެ ސަނާ ކިޔަން ހޭދަކުރައްވާ ވަގުތު އަދިވެސް ރައީސް ޔާމީނުގެ ވާހަކަތައް އަޑު އަހައި އޭގެން ފިލާވަޅު ދަސްކުރަން ވަގުތު ހޭދަކުރުން ބުއްދިވެރި ކަމަށެވެ.










