އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވި މީހުންގެ އޯޑިއޯތައް ވަރަށް އަވަހަށް ނިކުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދަ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހައިކޯޓުގައި ޝަރީއަތް ކުރިއަށްދިޔައިރު ނުފޫޒު ފޯރުވި މީހުންނާއި ހައިކޯޓުގައި މައްސަލަ ލަސްކުރުވި މީހުންނާއި ހައިކޯޓުގެ ފަނޑިޔާރެއް ފުރުވާލައިގެން އަޔަނުދީ ހިފެހެއްޓި މީހުން ފަދަ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ މައުލޫމާތު ހާމަ މިވަގުތު ކުރެވެެން ނެތީ އަދިވެސް އެމަނިކުފާނުގެ ޝަރީއަތްތައް ކުރިއަށްދާތީ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެކަމަކު އިރާދަކުރެވިއްޔާ މާ ލަސްތަކެއް ނުވެ އެބަ ނިކުމޭ ކޮންމެވެސް ކަހަލަ އަޑުތަކެއް، އަޅުގަނޑުގެ މައްސަލާގައި ނުފޫޒު ފޯރުވި މީހުންނާއި ގުޅި މީހުންނާއި، އެމީހުންގެ އޯޑިއޯ ބައިޓާއެކީ. މިއީ މީގެ އުފަލަކީ
ރައީސް ޔާމީން ވަނީ ސަރުކާރު ހިންގާ ޕީއެންސީން އެންމެ ފަހުން ބޭއްވި ޖަލްސާގައި ރައީސް ޔާމީނަށް އަދިވެސް އިހުލާސްތެރިވާނީ ޕީއެންސީގެ އިސް ސަފުގައި ތިބި ބޭފުޅުން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވިދާޅުވުމަށްވެސް ރައްދު ދެއްވާފައެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ޕީއެންސީގެ އިސް ސަފުގައި ތިބީ އިހުލާސްތެރިން ނޫން ކަމަށާއި އެ ފަރާތްތަކުން ބޭނުންވީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބަށް ވަކި މީހަކު ނެރެން ކަމަށެވެ.