ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހޯމް މިނިސްޓަރ އަލީ އިހުސާން އަދި އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ކުރަމުން ގެންދަވާ މަސައްކަތްޕުޅަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައުރީފް ކުރައްވައިފިއެވެ.
ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ބިދޭސީންގެ މައްސަލައިގައި ސަރުކާރުން ކަންތައް ކުރަމުން އަންނަ ގޮތާ ގުޅޭ ގޮތުން އާއްމުންގެ މީހަކު ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ބިދޭސީންގެ މައްސަލައިގައި މިނިސްޓްރީންނާއި އިމިގްރޭޝަނުން ކުރައްވާ މަސައްކަތަކީ ކްރެޑިޓް ޙައްޤު މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އިމިގްރޭޝަނުން ދަނީ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އާއްމުންނަށް ރިޕޯޓް ކުރެވޭ ޕޯޓަލްއަކާއެކު, މައުލޫމާތު އެއްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި, އެ މީހުން ކުރަމުން އަންނަ ވިޔަފާރިތައް އިމިގްރޭޝަނުން ދަނީ ހުއްޓުވަމުންކަން ފާހަގަކުރެވެއެވެ.
ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ބިދޭސީންގެ މައްސަލައަކީ އެތައް ބައިވަރު އަހަރަކުން ހެދުނު އެތައް ގޯސްތަކަކުން އުފެދުނު މައްސަލައެއް ކަމަށާއި, މައްސަލަ ހައްލު ކުރަން ގެންގުޅޭނީ ކޮން ސިޔާސަތެއްކަން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކުރާނީ ކެންސަރަށް ފަރުވާދޭ ގޮތަށްތޯ, ނޫނީ ހަކުރު ބަލި ޖެހުމުން ހަށިގަނޑުން ބައެއް ބުރިކޮށްލާ ގޮތަށްތޯ, ނޫނީ ހަށިގަނޑަށް އެއަށްވުރެ ލުއިކޮށްތޯ ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ, ބިދޭސީންގެ މައްސަލައިގައި ސަރުކާރުން ކަންކުރަމުން އަންނަނީ ރަނގަޅަށް ކަމަށް ވިޔަސް, މައްސަލައިގެ އެންމެ ފުނަށް ދާން ޖެހޭ ކަމަށެވެ.