އިންޑިޔާއިން ރައީސް ޑރ މުހައްމަދު މުއިއްޒު ސައިޒުކޮށްލައިފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އެއްވެސް ސިޔާސަތެއް ނެތި ރައީސް މުއިއްޒު މިއަދު އިންޑިޔާގެ ކުރިމަތީ ތިރިވެއްޖެ ކަމަށެވެ.
އެފަދައިން ޑރ ޖަމީލް ވިދާޅުވެފައި އެ ވަނީ އިންޑިޔާގެ އެކްސްޓާނަލް އެފެއާރްސް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ހާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދައުވަތަކަށް ރާއްޖެ ވަޑައިގަތުމުން އިންޑިޔާ އާއެކު އެއްބަސްވުންތަކެއްގައި ސޮއި ކުރުމާއި ގުޅިގެންނެވެ.
އިތުރަށް ޑރ ޖަމީލް ވިދާޅުވީ މިއަދު މޮޅު މިވީ އިންޑިޔާގެ ޑިޕްލޮމަސީ ކަމަށެވެ.
ރަތް ރޮނގޭ އިންޑިޔާ އަކަށް ބުލީ އެެއް ނުކުރެވޭނެއޭ ވިދާޅުވި ނަމަވެސް މިއަދު ފެންނަނީ އިންޑިޔާގެ ކުރިމަތީ ނާށިގަނޑު ހިފައިން ސަލާން ޖަހާ މަންޒަރުކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.
ރައީސް މުއިއްޒަށް ވޯޓު ދިން ރައްޔިތުންނަށް ބޭވަފާތެރިވެ ލަދުގަންނަވާލައިފި ކަމަށް ވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ.