މި ސަރުކާރަށް ނުވަ މަސް ވެގެން ދިޔައިރު ވެސް ސަރުކާރުން ކަންކަން ކުރާނެގޮތުގެ ސިޔާސަތެއް އަދި މިސްރާބެއް ވެސް ސާފުކޮށް ފެންނަން ނެތްކަމަށް ކުރީ ސަރުކާރުގެ އެންވަޔަރމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ޝައުނާ މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީ އިން ހޯމަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޝައުނާ ވިދާޅުވީ ފެނިގެން ދަނީ މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ވައުދުވީ ކަންތައްތަކުގެ ތެރެއިން ގިނަ ކަންކަން ފުރިހަމަ ވެގެން ނުދާތަން ކަމަށާއި ވައުދުވީ ކަންކަން ކުރާނެ ގޮތެއް އަދި ރިސޯސްވެސް ސަރުކާރަށް ހޯދިފައި ނެތުމުން އެކި ގޮތްގޮތަށް ސިޔާސަތުތައް ބަދަލުކުރަމުން ދާ މަންޒަރު ކަމަށެވެ.
ޝައުނާ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރައްވާނެކަމަށް ވިދާޅުވެފައި އެ އަދަދު މިހާރު ހާމަކުރަން ވެސް އިންކާރު ކުރަމުން ދާކަމަށާއި އަދި އެ އަދަދު މިހާރު 2000 އިން މަތިވެފައިވާކަމަށް މައުލޫމާތު ލިބޭކަމަށެވެ.
އޭގެ އިތުރުން ރަސްމާލޭ ހިއްކުމުގެ ޕްރޮޖެކްޓަށް ވެގެންދިޔަ ގޮތުން ވެސް މި ސަރުކާރުގެ ސިޔާސަތުތައް ވަރަށް އަވަހަށް ބަދަލުވާކަން ހާމަވާކަމަށް ވިދާޅުވެ ޝައުނާ ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.
ޝައުނާ ވިދާޅުވީ ނުވަ މަސްދުވަސް ވެގެން ދިޔައިރު މި ސަރުކާރުން އެކި ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކަކީ ކޮބައިކަން ސާފުވާން ނެތްކަމަށާއި މިހާ ދުވަސްވީއިރު ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް އެކުލަވާލާފައި ނެތްކަމަށެވެ.
ޝައުނާގެ އިތުރުން ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ ސިޔާސަތު ބަދަލުވެފައި ވާތީވެ އެކަމާ ފާޑުކިޔުން އަމާޒު ކުރަމުންނެވެ.