ބައިނަލްއަގްވާމީ ދަތުރުފަތުރުގައި އުޅޭ ބޯޓު ފަހަރަށް ބަންކަރިންގެ ޚިދުމަތް ދޭން އިހަވަންދިއްޕޮޅުގައި ފައްޓަވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރ މުހައްމަދު ސައީދު ވިދާޅުވެފައިވާ އިރު މި މަޝްރޫއުއާއި ގުޅިގެން ހައްދަވަންޖެހޭ ފީސިބިލިޓީ ޕްލޭންތައް ހައްދަވައިފިތޯ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން އަންނަ ހުސައިން ވަހީދު ސުވާލު އުފައްދަވައިފިއެވެ.
ޕީއެންއެފް އިން އާދިއްތަ ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހުސައިން ވިދާޅުވީ ވަޒީރަކު އެއްވެސް ޕްލޭން އެއް ނެތި މިފަދަ މަޝްރޫއުއެއް ފެއްޓެވުމަށް އިއުލާން ކުރެއްވިޔަސް އެކަމަށް ތަރުހީބުދީ އަތް ޖަހާނީ ހަމައެކަނި ޕީއެންސީ ބޭފުޅުން އެކަނި ކަމުގައެވެ.
މިނިސްޓަރ ސައީދު އޭރު ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމާ އެކު މިހާރު ޖީޑީޕީ ގެ ގޮތުގައި އޮންނަ 6.5 ބިލިއަން ޑޮލަރުގެ ތެރެއަށް ބަންކަރިންގެ ހިދުމަތް ފެށުމުން މި ޖުލައި އިން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.
ނަމަވެސް، ހަމައެކަނި ތެލާއި ފެނުގެ ޚިދުމަތުގެ އިތުރުން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްނުދޭނަމަ މިއީ ފައިދާހުރި މަޝްރޫއެއް ކަމާއިމެދު ޝައްކު އުފެދޭ ކަމަށް ހުސައިން ފާހަގަކުރެއްވިއެވެ.
މިކަންކަން މިހެން ފެންނަން ހުރި އިރު، ކުރިއަށް އޮތް ދުވަސްތަކުގައި ތެރޭގައި ބަންކަރިން ޚިދުމަތް ފަށާނެ ކަމަށް މިނިސްޓަރ އެ ވިދާޅުވާ ވިދާޅުވުން އަދި ވެސް ގަބޫލު ކުރުން އެހާ ފަސޭހައެއް ނޫން ކަމަށް ހުސައިންގެ ވާހަކަފުޅުން ފާހަގަކުރެވިފައިވެއެވެ.