ފުލުގައި ދެލި ހުރި ކުރަޔަކުން އުނދުން މަތީ ޖެހިގެން ހުރި ތެއްޔަށް ކަލޭ ފުލުގައި ދެއްޔޭ ބުނުމަކީ އައްޗިކަމެއް ކަމަށް ވިދާޅުވެ ޕިއެންސީގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް ޝިފާގު މުފީދު މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲއަށް ފާޑުވިދާޅުވެއްޖެއެވެ.
ޝިފާގު މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ފަހަކަށް އައިސް ރައީސް އަބްދުﷲ ޔާމީންއަށާ އެމަނިކުފާނުގެ އަރިހުގައި މިއަދު ތިއްބެވި ސިޔާސީ ބޭފުޅުންނަށް މަޖިލީހުގެ ރައީސްގެ މަގާޟުގައި ހުންނެވި އަދުރޭ ގެންދަވަނީ ފާޑުވިދާޅުވެ ބަހުގެ ހަމަލާ ފޮނުވަމުންނެވެ. އެކަމަށް އިޝާރާތްކުރައްވާ ހިސްޓޯ ވިދާޅުވީ، އަދުރޭއަކީ އެހެން މީހަކަށް އިނގިލި ދިއްކުރެވޭ ވަރުގެ ބޭފުޅެއް ނޫން ކަމަށާ ޚިޔާނާތާ ކޮރަޕްޝަންގެ ވާހަކަ އަދުރޭ އެހެން މީހުންނަށް އިޝާރާތްކުރައްވާ ދައްކާއިރު އަދުރޭގެ ފަސްބައި އޮތީ އެއަށް ވުރެ ކިލަންބު ކޮށް ކަމަށެވެ.
އެގޮތުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓު ނެރުނު އެ ލިސްޓުގައި އަދުރޭގެ ނަން އޮތް ކަމާ އަދި މިހާރު އަދުރޭގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާލުމުން އަދުރޭއަކީ ކިހާ ފަސްބައި ސާފު ބޭފުޅެއް ކަން ހާމަވާނެ ކަމަށެވެ.
ތިޔަ ވިދާޅުވާ ރަހީމުއަކާ އެއްކޮށް އަޅުގަޑުވެސް މަޖިލީހުގައި ދެ ދައުރު ފުރިހަމަ ކުރިން. އަޅުގަޑުގެ ނެތް ރެހެންދި ފްލެޓުގެ އެޕާޓުމަންޓެއް. އަޅުގަޑުގެ ނެތް މާލޭގައި ބިމެއް. އަޅުަގޑުގެ ނެތް ރަށުގައި ބޮޑު ވިޔަފާރިއެއް ފެށިފައި. ނަމަވެސް އަޅުގަޑުވެސް އަދާކުރި ސަރުކާރުގެ މަގާމުތައްވެސް މަދެއް ނުވާނެ. އެހެންކަމުން އިނގިލީގައި އޮތް އަނގޮޓީގެ އަގާ އަތުކުރީގައި އޮތް ގަޑީގެ އަގު ބުނެދެމުން މިވެނި މީހެއްގެ އެ ފެންވަރު ނުހުންނާނެ އޭ ބުނާއިރު އެ މަންފާ ލިބުނު ގޮތް އެ ރަހީމަށް ވިދާޅުވާން ކެރޭނެބާ...
އަދުރޭގެ ދަރިފުޅު އަދި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލް ރައީސް ޔާމީނާ އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ދެމުންދާ ބަހުގެ ހަމަލާތަކަށް އިޝާރާތްކުރައްވާ ހިސްޓޯ ވިދާޅުވީ، "ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށް" ކަމަށެވެ.
ހިސްޓޯ ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުންނެވި ނަމަވެސް ވެރިކަމުެގ ބާރުތައް އޮތީ އަދުރޭއާ އޭނާގެ ދަރިފުޅު ފައިސަލްގެ މުށު ތެރޭގައި ކަމަށެވެ.