އަދުގެ ސަރުކާރު ހިންގުން ބައްޓަން ކުރާ އުސޫލުތަކަށް މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަދި އަދުގެ ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ކުރިގެ ސެކެރެޓަރީ ޖެނެރަލް ޝިފާގު މުފީދު ފާދުވިދާޅުވެއްޖެއެވެ.
ޝިފާގުގެ ފާޑުކިޔުން ސަރުކަރަށް އަމާޒުކުރެއްވީ ހޯމަ ދުވަހުގެ ރޭ ޕީއެންފެގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝިފާގު ވިދާޅުވީ، ރައީސް މުހައްމަދު އަމީންގެ ޒައާމަތުން ފެށިގެން ރައިސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގެ އަހަރުތަކުގައިވެސް މީހުން މަގާމުތަކަށް އައްޔަން ކުރި މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށާ ނަމަވެސް ރައީސް މުހައްމަދު މުއިއްޒުހާ ދޯހަޅި ވެރިން އައްޔަންކުރައްވާ ބޭފުޅަކު ފެނިގެން ނުދާ ކަމަށެވެ. އެގޮތުން މަގާމުތަކަށް އައްޔަން ކުރާ މީހުން އޭގެ އަނެއް ދުވަހު މަގާމުން ވަކިކޮށް އޮއްވަޅު ގޮނޑި ހިލާހެން ހިލާ މަންޒަރު ފެންނަމުން ދާ ކަމަށް ވިދާޅުވެ ޝިފާގު ވަނީ މަޖާޒީ ގޮތަކަށް ރައީސް މުއިއްޒުގެ ސިޔާސަތުފުޅަށް ފާޑުވިދާޅުވެފައެވެ.
އަޅުގަޑުމެންނަށް މިއަދު ދިވެހި ދައުލަތުގެ އެކި ވަކި މަގާމުތަކަށް އިސްކުރެވުމުން މިދާ މީހުންނަށް ބަލާއިރު އަޅުގަޑުމެންނަށް މިފެންނަނީ ވާދޫ ކަނޑަށް ގަހާ ތަރި އޮއްސިފައިވާ މަންޒަރު. މިދެންނެވީ އިތުބާރު ނުކުރެވޭ މީހުންނަށް މަގާމުތައް ހަވާލުކޮށްފަ ދީފަ އަތުލާފަ ދީފަ އަތުލާފަ މި މަންޒަރު އަޅުގަޑުމެންނަށް ފެންނަމުން މިދަނީ. މާނައަކީ ދިވެހިރާއްޖޭގެ މިއަދު މިއޮތް ސަރުކާރުގެ ސިޔާސަތެއް ނެތޭ. ސިޔާސަތެއް އޮތް ނަމަ އެ ސިޔާސަތު ތަމްސީލުކުރެވޭ ވަރުގެ އިލްމީ ގާބިލު ތައުލީމާ ތަޖުރިބާ ހުރި ބަޔެކޭ އައްޔަންކުރެވިގެން ދާނީ އެންމެ ފުރަތަމައިނުންވެސް. މީ ރައީސް އަމީންއާ ހަމައިން ފެށިގެން ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމާ ހަމައަށް ވެސް އަޅުގަޑުމެންނަށް ވޭތުވެ ދިޔަ އެޑްމިނިސްޓްރޭޝަންސްތަކުގައި ފެނިފައި ހުރި މަންޒަރު. އެކަމު މިއަދު މުޅިން ތަފާތު. މިއަދު މި ފެންނަނީ ފަޅޯ ހޮޅިން ނަރުދަމާ އަޅަން އުޅޭ އުސޫލުން ކަންކަން ހިނގަމުންދާ މަންޒަރު. އެހެންވީމަ މިގޮތަށް ކަންކަން ހިނގާކަމުގައި ވަންޏާ އަޅގަޑުމެން މިއެދޭ ދިވެހީންގެ ރާއްޖެ ދިވެހީންނަކަށް ނުލިބޭނެ.
ޝިފާގު ވިދާޅުވީ، ނުކުރާނެ ކަމަށް ވިދާޅުވެ އައި ގިނަ ކަންތައްތަކެއް ވެރިކަމުގެ ތިން ހަތް ދުވަހުގެ ތެރޭގައި ކުރަން ފެށުމުން ރައީސް މުއިއްޒުއަކީ ވައުދާ ޚިލާފުވެވަޑައިގަންނަވާ ބޭފުޅެއްކަން ރައްޔިތުންނަށް ހާމަވެ މިހާރުވަނީ ރައްޔިތުންގެ އިތުބާރު ގެއްލިފައި ކަމަށެވެ.