ޕްރޮސެކިޔުޓާރ ޖެނެރަލްގެ މަގާމްގައި ހުންނެވި ހުސައިން ޝަމީމް އާއި ދޭތެރޭ ފޮނި އުންމީދުތަކެއް ކުރެވުނު ނަމަވެސް ފެނިގެންދިޔައީ ސަރުކާރު ބޭނުންވި ގޮތައް ފުށްގަނޑު މޮޑުނު މަންޒަރުކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޖީގެ މަގާމުގައި ހުންނެވި، އެމްޑީއެން ޝަމީމް މަގާމުން ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީން ފާސްކުރުމާއެކު ޝަމީމް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އޭނާގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި އައު ގާނޫނު އަސާސީގެ ދަށުން ފެނުނު އެންމެ އިތުބާރު ކުޑަ އެއް މުއައްސަސާއަކީ އަދިވެސް ޕީޖީ އޮފީސްކަމަށެވެ.
އެގޮތުން ޝަމީމް އާއި މެދު ވަރަށް ބޮޑެތި ފޮނި އުންމީދުތަކެއް ކުރެވުނު ނަމަވެސް ފެނުނީ އެއިރަކު އޮންނަ ސަރުކާރެއް ބޭނުންވި ގޮަތަކަށް ފުށްގަނޑު މޮޑޭ މަންޒަރުކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އަކީ ޝަމީމްގެ ކަޅު ޞަފްހާއެއް ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ މައްސަލައިގައި ދައުވާ ކުރުމާއި، އިސްތިއުނާފް ލަސްކުރުމާއި، އެ މައްސަލައިގައި ހިމެނޭ އެންމެ ބޮޑު ދެ މޭސްތިރިންކަމަށްވާ އަދީބް އާއި ޒިޔަތު އާއެކު އެއްްބަސްވުމެއް ހަދައި ނުފޫޒާއެކު ހިންގެވިކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
އެހެން ނަމަވެސް އުސްތާޛުޝަމީމާ މެދުވެސް ޢަމަލުކުރަން ވާނީ އިންސާފުވެރި އިޖްރާއަތްތަކުގެ ތެރެއިން ކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.