އެންމެ ފުރަތަމަ ދީނާ ގައުމުޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނީ ކަންކަމަށް ގޮން ޖެހި މައްސަލަތައް ނުބަލާ އެކަންކަމާ މެދު އިހުމާލުވަމުން ގެންދަވާތީ ރައީސް އަބްދުﷲ ޔާމީންގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ނުރުހުން އަމާޒުކުރެއްވީ ބުރާސްފަތި ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައުމަށް ވީ އެއް ވައުދަކީ އިސްލާމު ދީން ރައްކާތެރިކުރުން ނަމަވެސް، އިންޑިއާގައި ވެސް ރަސޫލާ (ޞޢޥ)އަށް ފުރައްސާރަ ކޮށް އެތައް ކަމެއް ހިންގި އިރުވެސް އެކަމާ ދެކޮޅަށް ވެސް ބަހެއް ބުނެފައިނުވާ ކަމަށެވެ. އަދި ދީނާ މެދު އިހުމާލުވަމުން ދާއިރު އެމްޑީއެންގެ މައްސަލަވެސް އެ މައްސަލައިގައި ހިމެނޭ ވެރިންގެ މައްސަލަވެސް ބަލަމުން ނުދާކަމަށެވެ.
ރައީސް ޔާމީން ވަނީ ދީނީ ކަންކަމުގައި މި ފަދަ ޓޮލަރެންސެއް ސަރުކާރުން ގެންގުޅޭ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ.
މިކަހަލަ ކަންކަން ދޫކޮށްލީމަ އަޅުގަޑުމެންގެ ޒުވާން ކުދިންނަށް މި ނަގައިދެވެނީ ރަގަޅު ފިލާވަޅެއްތޯ؟ އެމްޑީއެންގެ މައްސަލަ ވެސް އޮތީ. އެކަމު މި ސަރުކާރު މިއައީ ދުންމާރި ފުމަމުން ދީނީކަންތައް ތައް ހިމާޔަތްކުރާނަމޭ. އެކަމަު ވޭތުވެ ދިޔަތަނުގައި ހިނގާފައި ހުރި ދީނީ މިފަދަ އެއްވެސްކަމަކާ މެދުގައި ފިޔަވަޅު އަޅާތަނެއް އަޅުގަޑުމެންނަކަށް ނުފެނޭ
ރައީސް ޔާމީން ވިދާޅުވީ، ދީނި ކަންކަމުގައި މިފަދަ ޓޮލަރެންސެއް ގެންގުޅޭތީ އދ ފަދަ ޖަމްއިއްޔާތަކުންވެސް ގެންދަނި ރާއްޖޭގައި ހުރި ކަންކަން އަނބުރާ އިއާދަ ކުރަން ގޮވާލަމުން ކަމަށެވެ. އެގޮތުން ރައީސް ޔާމީން އިޝާރާތްކުރެއްވީ އދ. ގެ ހިއުމަނެޓޭރިއަން ގްރޫޕުން، ރާއްޖޭގައި އެމްޑީއެން އަލުން އަނބުރާ ފަންކަންޝަން ކުރަން ހުއްދަ ދިނުމަށް ގޮވާލާފައިވާ ވުމަށެވެ.
މީގެ އިތުރުން ވެސް ރައީސް ޔާމީން ވަނީ ސެމޯއާ އެގްރިމަންތުގައި ސޮއިކޮށް ސަރުކާރުން ދީނާ ޚިލާފު އެތައް ކަމަކަށް އެއްބަސްވެފައިވާ ކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެކަމުގައި ސަރުކާރުން އަމަލުކުރާނެ ގޮތެއް ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުން ރައީސް ޔާމީން ފާޅުކުރެއްވިއެވެ.