
ގައުމަށް މިއަދު ދިމާވެގެން އުޅޭ ހުރިހާ މައްސަލައަކީވެސް ގައުމު ހިންގަން ރައީސް ޑރ މުހައްމަދު މުއިއްޒަށް ނޭނގުމުން ވެގެން އުޅޭ ކަންކަމަށް ވެލިދޫ ދާއިރާ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުއިއްޒުގެ ވެރިކަން 2028ގެ ކުރިން ބަދަލުކުރަން ޖެހޭ ކަމަށް ރައީސް މުހައްމަދު ނަޝީރދު ވިދާޅުވެފައިވާ ވުމަށް 100 ޕަސަންޓު ތާއީދު ކުރާކަން ހާމަކުރައްވާ އައްބާސް ވިދާޅުވެފައިވަނީ، މިހާރު މިއޮތް ހާލަތަށް ބަލާއިރު ޤައުމަށް ރައްޔިތުންނަށް އަދި ޤައުމުގެ މުސްތަޤުބަލަށް އެނޫންގޮތެއް ފެންނާކަށް ނެތް ކަމަށެވެ.
ރައީސް ޑރ.މުއިއްޒު ވެރިކަމުގައި ހުންނަ ކޮންމެ ދުވަހެއްގެ ސަބަބުން ޤައުމުގެ އިޤްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ލޮޅުންތަކެއް އަރަމުންދާކަމަށް ވިދާޅުވެ އައްބާސްސ ވަނީ މީގެ ސަބަބުން ރައްޔިތުންގެ ހާލަތު ދަށަށް ދާކަން ވެސް ފާހަގަކުރައްވާފައެވެ.
ހުރިހާވެސް މައްސަލައަކީ ރައީސް ޑރ.މުއިއްޒަށް ސަރުކާރު ހިންގަން ނޭގުންކަމަށް ތުހުމަތު ކުރައްވާ އައްބާސް ވަނީ މި ސަރުކާރަށް ދެ އަހަރާ ބައިވެގެން ދިޔައިރުވެސް މިނިސްޓްރީތަކަށް މިނިސްޓަރުން ހަމަޖެއްސުމާ ކުންފުނިތަކުގެ ވެރިން ބަދަލުކުރުމަސް ނިމުމެއް ނާންނަ ކަން ވެސް ފާހަގަކުރައްވާފައެވެ.
އައްބާސް ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ ގަދައުލަތުގެ މާލީ ހާލަތަށް ބެލުމެއް ނެތި މަތިބަރު ސަރުކާރެއް އުފަން ކުރުވަމުން ކަމަށާ އެހެން މީހުންނަށް އިހުތިރާމު ކުރުމާއި، މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ތަރުތީބު ނުކުރުމަކީ މި ސަރުކާރުގެ ފެއިލިޔަރގެ ގޮތުގައި ސިފަކުއްވާ އައްބާސް ޕޯސްޓު ނިންމަވާ ލެއްވީ، ހުއްޓާ ނުލާ ރައްޔިތުންނަށް ދޮގުބުނަމުން ދިއުމަކީ ރައީސް މުއިއްޒު ސަރުކާރުގެ އެންމެ ބޮޑު ފެއިލިޔަރ ކަން ފާހަގަކުރައްވަމުންނެވެ.










