ލާމަރުކަޒީ ޤާނޫނުގަ ވަށާ ބައްދާލައިގެން އެ ޤާނޫނުގެ ބާރު ކަނޑުވާލަމުން ދާ ކަމަށް ވައިކަރަދޫ ދައިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
މެމްބަރު ޒިޔާދު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަރބަން ޑިވެލޮޕްމެންޓް ބިލުގެ އެއް މާއްދާ އޮތީ މުޅި ލާމަރުކަޒީ ޤާނޫނު އުވޭ ގޮތަށް ކަމަށާއި ކައުންސިލްތަކުން ޕަރފޯމް ކުރާ ގޮތް ފެނުމުން އެކަން ސަރުކާރަށް ބަލައި ނުގަނެވޭ ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.
ފަސް ކައުންސިލަރުން ކުރާ މަސައްކަތާއި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއި އެކު މިނިސްޓްރީތަކުން ކުރާ މަސައްކަތާއި ބައްދަލުނުވުމުން އެކަން ސަރުކާރަށް ހަޖަމް ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ސަރުކާރުން ބޭނުންވަނީ ކައުންސިލްތަކަށް ދޭ ގްރާންޓް ކަނޑާލަން. ތަފާތު ބަހަނާތައް ދައްކައިގެން އެ މަސައްކަތް ކުރަން ގޮތްތައް ސަރުކާރުން ދަނީ ހޯދަމުން ކަަމަށް ވެސް ޒިޔާދު ވިދާޅުވިއެވެ.
އެކަމާއި ދެކޮޅަށް ކައުންސިލްތަކާއި ރައްޔިތުން ނިކުންނަން ޖެހޭ ކަމަށާއި އަދި ސަރުކާރުގެ ބޭނުމަކީ ކައުންސިލްތަކަށް ލިބޭ ބަޖެޓަށް އަތް ބޭނުން ކަމަށާއި ބޭނުންވަނީ އެ ފައިސާ ސަރުކާރުން ބޭނުންވާ ގޮތަކަށް ހޭދަކުރަން ކަމަށް ވިދާޅުވެ ޒިޔާދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.