މާލީ ހިސާބުތައް އާއްމުކުރާނީ ކޮން އިރަކުންކަމާ މެދު ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ދެއްކެވީ ބަހަނާކަން ހާމަވެއްޖެއެވެ.
މާލީ ހިސާބުތައް އާންމުނުކުރާތީ ނޫސްވެރިއަކު ވަޒީރާ ސުވާލުކޮށްފައިވަނީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މީގެ ކުރިން ގަވާއިދުން އާއްމުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް އެންމެ ފަހުން އާންމު ނުކުރާތާ 2 މަސް ދުވަސް ވަނީ ވެފައެވެ.
އެ ހިސާބުތައް އާންމުކުރައްވާނީ ކޮން އިރަކުންތޯ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ޝަފީގު އެކަމަށް ސާފު ޖަވާބެއް ދެއްވުމުގެ ބަދަލުގައި ވިދާޅުވެދެއްވީ ރިޕޯޓް އެކުލަވައިލުމުގަައި ކުރާ ޓެކްނިކަލް މަސައްކަތްތަކެވެ. އެއީ އެކި އިދާރާތަކުން މައުލޫމާތު އެއްކޮށް، ސިސްޓަމެއްގެ ތެރެއިން ރިޕޯޓް އެކުލަވައިލުމެވެ.
ނަމަވެސް އެހުރިހާ ވާހަކައެއް ދައްކަވާ ނިންމަވާ ލެއްވިއިރުވެސް ހިސާބުތައް އާއްމުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީހެއް މިނިސްޓަރު ވިދާޅުވެ ނުދެއްވައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ހަމަ މައުލޫމާތުތަކެއް ދިނުމުގެ ބަދަލުގައި ރައްޔިތުންނަށް ރަނގަޅު މައުލޫމާތު ދިނުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލީ ހިސާބުތައް ގަވައިދުން އާއްމުކުރަން ފަށާނީ މިހާރު އެކުލަވައިލާފައިވާ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓާއި ދަރަނީގެ ސްޓްރެޓެޖީ އާއްމުކުރުމަށް ފަހުގަ އެވެ. އެހެން ނަމަވެސް އެ ރިޕޯޓްތައް އާއްމުކުރާނެ އިރެއް ވެސް ވިދާޅުވެ ދެއްވާފައި ނުވެއެވެ.
ކޮންމެ ހަފްތާއަކު އާންމުކުރާ ދައުލަތުގެ މާލީ ހިސާބުތައް އާންމުކުރުން ހުއްޓާލީ ގައުމުގެ މާލީ ހާލަތު ރައްޔިތުންނަށް ސިއްރުކުރުމުގެ ނިޔަތުގައި ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.