ސިޔާސީ މަގާމުތައް ވަކި ލިމިޓެއްގައި ހިފަހައްޓާނެކަމުގެ ވައުދާއެކު އައި ސަރުކާރުން އެ މަގާމުތަކުގެ އަދަދު ހާމަކުރަން ފަސް ޖެހިއްޖެއެވެ.
މި ސަރުކާރަކީ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ބުނެ އައި ސަރުކާރެެކެވެ. ނަމަވެސް ސަރުކާރު އައިސް މާ ގިނަ ދުވަހެއް ނުވެ އެ އަދަދު ފަހަނަ އަޅާ ހިނގައިދިޔަ ކަމަށް ގިނަ ބަޔަކު ބުނަން ފެށިއެވެ.
އެއާ އެކު ސިޔާސީ މަގާމުތަކުގެ ތަފްސީލު ހޯދަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކަށާ ރައީސް އޮފީހަށް ނޫސްވެރިން ސިޓި ފޮނުވުމުން އެކަންކަން ސިއްރުކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ފާޑުކިޔުން އަމާޒުވުމާ އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅުމުން ބައެއް މުއައްސަސާތަކުން އަދަު ހާމަކުރިއެވެ. އަދި މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ރައީސް މުހައްމަދު މުއިއްޒު ތަގުރީރު ކުރައްވާ މެޑަލް ޖެއްސެވުމަށްޓަކައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. ނަމަވެސް ހުރިހާ ސިޔާސީ މަގާމުތަކުގެ ތަފްސީލެއް ހާމަނުކުރެއެވެ.
މިއަދު ރައީސް އޮފީހުގައި ވަނީ ބައެއް ވަޒީރުންގެ ކުއްލި ޕްރެސްއެއް ބާއްވާފައެވެ. ބީއެމްއެލްގެ ކުއްލި ފިޔަވަޅާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި އެ ޕްރެސްގައި ނޫސްވެރިއަކު ވަނީ ސިޔާސީ މަގާމުތަކުގެ އަދަދާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ އެކަމުގެ ފުރިހަމަ މައުލޫމާތު ދޭން ކަމަށެވެ. ނަމަވެސް އެ މައުލޫމާތެއް މިއަދުވެސް ނުދެއްވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުން މި ސަރުކާރުގައި ސިޔާސީ މަގާމުތައް ވަރަށް ގިނަ ކަން ދޭހަވެއެވެ. ވިދާޅުވީ ސިޔާސީ މަގާމުތައް އިތުރުވެ ގިނަވުމުގެ ސިއްރު ވިދާޅުވެ ދެއްވާނެ ކަމަށެވެ. އެކަމުގެ ފުރިހަމަ މައުލޫމާތު ދެއްވާނެ އިރެއް ނުވަތަ ވަގުތެއް ވިދާޅުވެފައިނުވެއެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ޔަގީން ކުުރުމަށް ފަހު ހާމަ ކުރާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް މިހާތަނަށް އެ މައުލޫމާތު ހާމައެއް ކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.