
ދިމާވާ ކަންކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ރިއެކްޓް ކުރައްވަނީ ކުޑަ ބޭބީއެއްހެން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވީ ރައްޔިތުންގެ ބޭންކުން ބަޣާވާތް ކުރަން އުޅުނުކަމަށް ރައީސް މުއިއްޒު ވިދާޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ ޒާތުގެ ވާހަކަތައް ވިޔަފާރި ބޭންކަކާއި މެދު ފެތުރުމަކީ ރައީސް މުއިއްޒުގެ ތަޞައްރަފު ނުފުދޭކަން ކަމަށާއި ކޮމާޝަލް ބޭންކެއްގެ ނިންމުންތަކަކީ ޕްރޫޑެންޓް ބިޒްނަސް އެސަސްމަންޓްގެ މައްޗަށް އޮންނަ ކަމެއްކަމަށެވެ.
އަމިއްލަ ޕާޓީ ތެރޭ ހިންގި މުއާމަލާތް ގޯސްކޮށް ދިއުމުން އަންހެނަކު ސިހުރު ހެދިޔޭ ކިޔާ މުޅި ދުނިޔޭގައި ދިވެހިން ލަދު ގަންނަވާލައިފި ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
އޭގެއިތުރުން މިފަހަރު ފެނިގެންމިދިޔައީ ޚަރަދު ކުޑަނުކޮށް، ވަޒީފާތައް ބަހަމުން، އެމްބަސީތައް ފުރަމުން، ފެހި ސިގްނަލޭ، ޑޮލަރު މައްޗަށް ނުދާނޭ، ލިމިޓް އުވާލަނީއޭ ކިޔާ އޮޅުވާލަނިކޮށް، މިކަން ދިމާވުމުން ބަޢާވަތޭ ބުނެ މުޅި ދުނިޔޭގެ ކުރިމަތީ ދިވެހި ގައުމީ ބޭންކު ފުނޑާލި މަންޒަރުކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
އިތުރަށް ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު އަކީ ރަނގަޅު ވެރިއެއްގެ ބެލުމުގެ ދަށުން ބޮޑުވަރަކަށް ވަޒީރުކަން އެކަނި ކުރެވޭނެ މީހެއް ކަމަށެވެ.
ރައީސް މުއިއްޒަށް ވެރިކަން ދެވުމުން އެކަން ޑރ ޖަމީލް ސިފަ ކުރެއްވީ މޮޔައެއްގެ އަތަށް ކަނޑި ދިނުމުގެ ގޮތުގައި އެވެ.










