ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އޭރެއްގައި ހުންނަ ވެރިއަކަށް ސަނާ ކިޔާ ސަރުކާރު ދިފާއުކުރަން ތިބޭ ބަޔަކަށް ވެގެން ނުވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ، އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މަޖިލީހަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާ ބޭފުޅުން ތައާރަފުކުރަން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އާދިއެްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކެންޑިޑޭޓަކަށް އަމާޒުކުރެއްވި ސުވާލަކާ އެކުއެވެ.
އެގޮތުން މައްޗަށްގޯޅީ އުތުރު ގޮނޑިއަށް ވާދަކުރައްވަން ޝައުގު ފާޅުކުރައްވާފައިވާ އައްސަދު ޝަރީފުއަށް އަމާޒުކުރެއްވި ސުވާލެއްގައި ރައީސް ޔާމީން ވަނީ ވެރިކަން ކުރާ ބޭފުޅުންނަށް މަޖިލިސް މެޖޯރިޓި ލިބުމަކީ ފަސޭހަކައަށް ވެގެން ދާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާ އެކު މަޖިލިސް ގޮނޑިތަކަކީ ގަނެ ވިއްކާ އެއްޗަކަށް ހަދާ އެއީ ވެރިކަން ދިފާއުކުރުމަށް ރިޝްވަތުގެ ހުށަހެލުންތަކުގެ ތެރެއިން ހޯދާ އެއްކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
މަޖިލީހުގެ މެމްބަރުންނަކީ ރަސްގެފާނުގެ ތަޚުތަށް އިތުރުކުރާ މުތަކަށް ވެގެން ނުވާނެ، މަޖިލީހަކީ ރައޔްިތުންގެ ހައްގުގައި ވަކާލާތުކުރާ ތަނަކަށްވާން ޖެހޭނެ. މެޖޯރިޓި ލިބުނީމަ ސަރުކާރުންތަކަށް ހީވެފައި އޮންނަނީ އެއީ ލިބުނު ޓްރޮފީއެކޭ.
މަޖިލީހުގެ މެޖޯރިޓީ އޭރެއްގައި އޮންނަ ވެރިކަމަކަށް ލިބުމަކީ އެއީ ހިނގަން ދަސްކުރާ ކުއްޖަކު ކޮއްޓަކަށް ލުން ފަދަ މިސާލެއްގެ ގޮތުގައި ރައީސް ޔާމީންގެ ވާހަކަފުޅު ބައްޓަން ކުރެއްވިއެވެ.
ރައީސް ޔާމީންގެ ވާހަކަފުޅު މިފަދައިން ބައްޓަން ކުރައްވާފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ގަނެފައިވާ ކަމަށް އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. އަދި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދޭން ޖެހޭނެކަމަށް ސަރުކާރުން ވަކާލާތުކުރަމުން ވެސް ދާ ދަނޑިވަޅެއްގައެވެ.