ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް އެނގޭ ކަންކަމުގައި ވެސް ދޮގު ހަދާ އޮޅުވާލަމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެެއްގަ އެވެ.
އެގޮތުން ޑރ ޖަމީލް ވިދާޅުވީ އެނގިގެން މިދަނީ ގައުމަށް އެއްވެސް ވިޝަނެއް ނެތްކަމަށެވެ. އަދި ރައްޔިތުންނަށް އެނގޭ ކަންކަމުގައި ވެސް ދޮގު ހަދާ އޮޅުވާލަމުން ގެންދާތީ ޑރ ޖަމީލް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެހެންކަމުން ރައީސް މުއިއްޒަކީ ޕެތަލޮޖިކަލް ލަޔަރ އެއްކަމީ އޭގައި އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ މޫނު ބަލާ ލޯގަނޑަކީ އަދުރޭކަމަށެވެ. އެހެންކަމުން އެއީ ކިހާ ވަރެއްގެ ބޭފުޅެއްކަން އެނގޭނެކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
މިގޮތަށް ދޮގުހަދުމަކީ މާތް الله ތަޢާލާގެ ކޯފާ ލިބިގެންވާ ބޮޑުފާފައެއް ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒު ދޮގު ހަދާ އޮޅުވާލި ބައެއްކަންކަން ހިއްސާކުރައްވާފައެވެ.
އެގޮތުން ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ ހެއްދެވީ ދޮގު ކަމަށާއި ވައަދުތަކުގައި މުޅިން ދޮގުކަމަށާއި ނޫސްވެރިންނާ ބައްދަލު ނުކޮށް ދުރާލާ ސުވާލު ހިއްސާކޮށް ހެއްދެވީ ދޮގު ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވި އެވެ.
މުއިއްޒު ވެރިކަން މިހާ އަވަހަށް ނިކަމެތިވުން މިއީ މާތް الله ގެ ބޮޑު އިމްތިޙާނެއް ކަމަށް ވެސް ޑރ ޖަމީލް ވިދާޅިވި އެވެ.
މުއިއްޒުގެ ނުބައި ރޭވުމާ، ދޮގާ ހިތުގައި ހިނގާކަންތައްވެސް އެކަނލާގެއަށް ސިއްރެއް ނުކުރެވޭނެ ކަމަށާއި ބޮޑާވެ ދޮގާ އޮޅުވާލުމުން ލިބޭނީ ހަމައެކަނި ނިކަމެތި ކަމާ ބޭޒާރުވުމާ އަގުވެއްޓުން ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ ޖަމީލް ވަނީ ރައީސް މުއިއްޒުގެ ބަހާއި އަމަލާ ދިމާނުވާތި، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.