
ދޮގު ހަދަމުން ގޮސް މިހާރު މުޅި ގައުމަށް މުހައްމަދު މުއިއްޒު ފަލީހަތްވެވަޑައިގެންފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ، ސިނަމާލެ ބުރިޖުގެ ސައިކަލް ލޭނާބެހޭ ގޮތުން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ހެއްދެވީ އިތުރުފުޅެއް ކަން ހާމަވާ ހެއްކާ އެކު އޮންލައިން ނުހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރާ އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕޯސްޓުގައި ޑރ. ޖަމީލު ވިދާޅުވެފައިވަނީ، ދޮގު ހަދަމުން ގޮސް މިހާރު މުޅި ގައުމަށް، އަދުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ފަޟީޙަތްވެ ނިމިއްޖެކަމަށެވެ. އަދި ރައީސް މުއިއްޒު ފަލީހަތްވެ ބޭޒާރުވެފައިވަނީ އެންމެ ކަމެއްގައެއް ނޫން ކަން ފާހަގަކުރައްވާ ޑރ. ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ ހަމަ ކޮންމެ ކަމެއްގައިވެސް ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅު ކަމަށެވެ..
ޒުވާނުން މިހާރުރައީސް މުއިއްޒަށް ކައްޒާބު މުއިއްޒު ކިޔާ ސަބަބު އެބަ ސާފުވާކަމަށް ވިދާޅުވެ ޑރ. ޖަމީލު ވިދާޅުވީ، ދެން ޕާޓީ ކުދިން ކޮޅު މެދުވެރިކޮށް މި ހަގީގަތް ހާމަ ކުރާ ބަޔަކާ ދިމާކުރުވި ނަމަވެސް ރައީސް މުއިއްޒުގެ ދޮގު ހެއްދެވުން ތެދަށް ބަދަލެއް ނުވާނެކަމަށެވެ.
ހަމައެހެންމެ މިފަދަ ކަންކަމުގައި ވެރިމީހާއަށް އޮންނާނީ ޖަވާބު ދާރީވުމުގެ ތަކްލީފުކަމަށާ އެއީ އާންމު މީހަކަށް އޮންނަކަމެއް ނޫންކަން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން މިހާރު ރައީސް މުއިއްޒު ޖަވާބުދާރީވުމުގައި ވަގުތު ފާއިތު ވެއްޖެކަމަށާ މިހާރު ހައްދަވަމުން ގެންދާ އުސޫލުން ދޮގު ހެދުމާއި، ވައުދާ ޚިލާފުވުމާއި ބްރިޖް ލޭން ފަދަ އަމާނާތަށް ޚިޔާނާތް ވުމަކީ މުނާފިގުންގެ ސިިފައެއް ކަމަށް ވިދާޅުވެ ޑރ. ޖަމީލު ވަނީ ރައީސް މުއިއްޒު މިހާރު އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް ފާޑުވިދާޅުވެ ނުރުހުން ފާޅުކުރައްވާފައެވެ.










