ދިވެހިން އާންމު ދިރިއުޅުމުގައި ކެއުމުގައި ހިމަނާ ގިނަ ބާވަތްތަކެއްގެ އަގު ބާޒާރުގައި ބޮޑުތަނުން އުފުލިއްޖެއެވެ.
އެގޮތުން ބާޒާރުމަތީގައި ހޯލްސެއިލްކޮށް މިހާރު ފިޔާ ވިއްކަމުން އަންނަނީ ބަސްތާއެއް 900 ރުފިޔާއަށެވެ. ބުރާސްފަތި ދުވަހު ހެނދުނު ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 650 ރުފިޔާ އަށެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން އަގު ވަނީ 900 ރުފިޔާއަށް އުފުލިފައެވެ.
ބާޒާރު މަތީ ފިހާރަތަކުން މައުލޫމާތު ދިން ގޮތުގައި ފިޔާގެ އަގު މިހާ ބޮޑޫތަނުން އުފުލިގެން އުޅެނީ ބާޒާރުގައި ފިޔާ ލިބުން ވަރަށް ދައްތިވެގެންނެވެ.
މީގެ ކުރިން ފިޔާކިލޯއެއް އާއްމުކޮށް ވިއްކަމުން އައީ 20 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގަކަށެވެ. ނަމަވެސް މިއަދު ފިޔާ ކިލޯއެއްގެ އަގު ވަނީ 37 ރުފިޔާ އާއި 40 ރުފިޔާއަށް އުފުލިފައެވެ.
ފިޔާގެ އަގާއެކު އާންމުގޮތެއްގައި ދިވެހީން ކެއުމަށް ބޭނުންކުރާ ތަރުކާރީގެ ބާވަތްތަކުގެ އަގުވެސް ބާޒާރުގައި ވަނީ އުފުލިފައެވެ. މީގެކުރިން ބާޒާރުގައި 25 ރުފިޔާއަށް ލިބެންހުރި ކެރެޓު ކިލޯއެއްގެ އަގު މިއަދު އުޅެނީ 30 ރުފިޔާއާއި 35 ރުފިޔާއާ ދޭތެރޭ އަގެއްގައެވެ.
ހަމައެހެންމެ 350 ރުފިޔާއަށް ކުރިން ވިއްކަމުން އައި ކެބެޖު ބަސްތާއެއްގެ އަގު މިހާރު ވަނީ 750 ރުފިޔާއަށް އުފުލިފައެވެ.
މީގެ ކުރިން ބާޒާރުގައި 30 ރުފިޔާއަށް ނުވަތަ 35 ރުފިޔާއަށް ވިއްކި، ލުނބޯ ކިލޯއެއްގެ އަގު މިހާރު ހުރީ 60 ރުފިޔާ އާއި 65 ރުފިޔާއާ ދޭތެރޭ އަގެއްގައެވެ. އަދި ކުރިން 65 ރުފިޔާއަށް ކިލޯއެއް ވިއްކި ބީންސްގެ އަގު މިހާރު އުޅެނީ 70 ރުފިޔާއާއި 80 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި 75 ރުފިޔާއަށް ކިލޯއެއް ވިއްކަމުން ދިޔަ ލީކްސްގެ އަގު މިހާރު އުޅެނީ ކިލޯއެއް 95 ރުފިޔާގެ ރޭޓުގައެވެ.
ދިވެހިންގެ އާންމު ދިރިއުޅުމުގައި ކެއުމުގައި ބޭނުންކުރާ މިފަދަ ތަކެތީގެ އަގު ކުއްލިއަކަށް މިހާ މައްޗަށް އަރައިގެން ދިޔަ ސަބަބެއް އޮޅުން ފިލުވާލުމަށް ބާޒާރު މަތި ފިހާރަތަކުގެ ސޭޓުންނާ ސުވާލުކޮށްލުމުން ބުނެފައިވަނީ އަގުތައް މައްޗަށް ގޮސްގެން އުޅެނީ ޑޮލަރުގެ އަގު މަތިވުމުން ކަމަށެވެ. ޑޮލަރު ގަންނަން ޖެހެނީ 19.20 އަށް ކަމަށް އެ މީހުން ހާމަކޮށްފައިވެއެވެ.
ހަމައެހެންމެ ކޮންޓެއިނަރުގެ އަގު ބޮޑުވުމުން މިހާރު ފިޔާ ފަދަ ތަކެތި މީހުން ކޮންޓެއިނަރުގައި ގެންނަ މިންވަރު މަދު ކަމަށާއި އެހެންކަމުން ބަރޯސާ ވާން ޖެހެނީ ލަކުޑި ބޯޓްތަކަށް ކަމަށް ވެސް އެ މީހުން ބުންޏެވެ. އޭގެ ސަބަބުން ޑިމާންޑާ އެއްވަރަށް ސަޕްލައި ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް އެ މީހުން ބުނެއެވެ.