April 22, 2026
Advertisement
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ފައިސާގެ އަގު 35 އިންސައްތަ އިރޯޑުވެއްޖެ: ރައީސް ޔާމީން
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ފައިސާގެ އަގު 35 އިންސައްތަ އިރޯޑުވެއްޖެ: ރައީސް ޔާމީން / ރައީސް އޮފިސް

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ފައިސާގެ އަގު 35 އިންސައްތަ އިރޯޑުވެއްޖެ: ރައީސް ޔާމީން

Apr 22, 2026, 08:56 PM
މާލެ ސިޓީ

ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ފައިސާގެ އަގު 35 އިންސައްތަ އިރޯޑުވެއްޖެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ފްރޮންޓު އޮފީހުގެ ޖަލްސާއެއްގައި ގައުމުގެ ހާލަތާ އަދި އޭގެ ސަބަބުން ރައްޔިތުން އުފުލަން ޖެހިދާނެ ބުރައަކަށް ނަޒަރު ހިންގަވާ ލައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ދަރަނި އަދާ ކުރެވޭނެ ހާލަތެއް ނެތި ދަރަނި ބޮޑުކުރަމުން ދިއުމުން ދަރަނި ބޭރު ފައިސާއިން ދައްކަން ޖެހުމުގެ ނަތީޖާއަކީ ދިވެހި ފައިސާގެ އަގު ވެއްޓުން ކަމަށެވެ.

އެގޮތުން ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދެ އަހަރު މާލިއްޔަތުގެ ނިޒާމަށް ގެނައި ބަދަލާ އަދި މިހާރުގެ ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު 35 އިން ސައްތައަށް ވުރެ ކުޑަ ނޫން އަދަދެއް ދަށްވެއްޖެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

100 ރުފިޔާ ސޭވިން އެކައުންޓެއްގައި ބައިންދާފައި ހުރި މީހަކަށް ފައިދާގެ ގޮތުގައި 65 ރުފިޔާ ލިބުމަކީ ރައްޔިތު މީހާގެ ކުށެއް ނެތި ދައުލަތުގެ ފިސްކަލު ޕޮލިސީގެ ސަބަބުން ރައްޔިތު މީހާއަށްވާ ގެއްލުންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އަދިވެސް އެކަން އޮތީ ކުރިއަށް ކަމަށާ އެގޮތުން މިވަގުތަށް ދައްކަން ހުރި ލޯނު އެގޮތް މިގޮތުން ދައްކާ އިތުރު ދަރަނި އުފައްދަނީ ކަމަށެވެ.

ދަރަނި ނަގާ އިރު ދަރަނި އަދާކުރާނެ ނިޒާމު ހަމަ ނުޖެއްސުމާ ބޭރު ފައިސާ އިތުރުކުރާނެ ގޮތް ޕްލޭނު ނުކުރުމުން އޭގެ ސަބަބުން އަނެއްކާ ވެސް ނޫޓު ޖެހުން ނޫން ގޮތެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ބޭރުން މުދާ ގެންނަނީ ޑޮލަރުން ކަމަށްވެފައި ނޫޓު ޗާޕުކުރުމުން ވެސް ދިވެހި ރުފިޔާގެ އަގު ވެއްޓި ތަކެތީގެ އަގު އުފުލި ހުރިހާ ތަކްލީފެއް ޖެހޭނީ ރައްޔިތުންނަސް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އުފުލޭނީ ތަކެތީގެ އަގު އެކަނި ނޫން ކަމަށާ ތަންތަނުގެ ކުލި ވެސް ބޮޑުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައިސް ޔާމީން ވިދާޅުވީ އާމްދަނި އިތުރުކުރާނެ ގޮތެއް ސަރުކާރުން ނުހހޯދާ އަދި ސަރުކާރުގެ ބޭކާރު ޚަރަދުތައް ނުހުއްޓާ ހާ ހިނދަކު އެކަމުގެ ހައްލު ނުހޯދޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ތޮބީއީ ގޮތުން އެއްދުވަހުން އަނެއް ދުވަހުން އަގު އުފުލޭނެ ކަމަށްވާއިރު، އެއްޗެއްގެ އަގު އުފުލިއްޖެ ނަމަ އެ އަގު ތިރިކުރަން ފަސޭހަ ނުވާނެ ކަމަށެވެ. މި ސަރުކާރުން އަޅާ އެއްވެސް ފިޔަވަޅަކުން އަދި ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލެއް އަތުވެދާނެ އެއްވެސް ކަމެއް ނުފެންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved