
ދިވެހިރާއްޖޭގެ އިގްތިސޯދަށް އެދެވޭ ހެޔޮ ބަދަލު އަންނާނީ ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދާ، ދައުލަތުގެ ބޭކާރު ޚަރަދުތައް ހުއްޓާލައިގެން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމުގެ އިގްތިސޯދީ ހާލަތާ ގުޅިގެން ރައްޔިތުން އުފުލަން ޖެހިދާނެ ބުރައަކަށް ނަޒަރު ހިންގާލައްވާ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެނެވެ.
ރައީސް ޔާމީން ވިދާޅުވީ ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދާއިރު އޭގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރަކީ ބޭރުން ތަކެތި ގަންނަން ޑޮލަރުން ފައިސާ ދައްކަން ޖެހުން ކަމަށްވާއިރު ދައުލަތުގެ އާމްދަނީ އިތުރުކުރާނެ ގޮތެއް ސަރުކާރުން ނުހޯދާ ބޭރު ފައިސާގެ އަގު ހިފަހައްޓާނެ ގޮތެއް ނެތުމަކީ ކުރިއަށް އޮތްތަނުުގައިވެސް ރައްޔިތުން ތަކުލީފުތަކަކާ ބުރަތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އިންފްލޭޝަން އިންތިހާއަށް އުފުލިފައިވާއިރު، ސަރުކާރުން އަޅަނީ އެއްވެސް ދެއުޅިއެއް ނުވާ ސިޔާސަތުތަކަކާ ފިޔަވަޅުތަކެއް ކަމަށާ އޭގެ ސަބަބުން އިގްތިސޯދަށް ކުރާނެ އެއްވެސް ރަގަޅު އަސަރެއް ނެތް ކަމަށެވެ.
އެމަނިކުފާނު ވަނީ މިސާލެއް ގޮތުން މިހާރު އޮތް ހަނގުރާމައިގެ ހާލަތަށް ނަޒަރު ހިންގަވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުން ބަންކަރިން ހިދުމަތް ފެށިނަމަވެސް އޭގެ އެންމެ ބޭނުން ޖެހުނު ދުވަހު ރާއްޖެއަށް އެކަމުން ވެސް އޮތް ފައިދާ އެއް ނެތް ކަން ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީން ވަނީ، ކަންކަން ހައްލު ކުރެވޭނީ، އާމްދަނީ އިތުރުކުރާނެ ގޮތްތައް ސަރުކާރުން ހޯދާ އަދި ސަރުކާރުގެ ބޭކާރު ޚަރަދުތައް ހުއްޓާލުމުން ކަމަށްވެސް ވިދާޅުވެފައެވެ.
ރއީސް ޔާމީން ވަނީ ގައުމުގެ ކަންކަން މެދު ވެރިން ވިސްނާ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަކީ ޒިންމާއެއްކަން ވެސް ހަނދުމަކޮށްދެއްވާފައެވެ.










