ރައީސް މުހައްމަދު މުއިއްޒުގެ ވައުދު ފޮތުގެ ވައުދަށް ވުރެ ސަރުކާރުގެ ކޮރަޕްޝަން ގިނަކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ފްރޮންޓު އޮފީހުގައި އޮތް ޖަލްސާގައި ވާހަަކފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވެސް ހިމެނޭ ކަމަށް އޭގެ ތެރޭގައި ކޮރަޕްޝަންގެ ހުތުރު އަމަލުވެސް ހިމެނޭ ކަމަށެވެ.
އެގޮތުން ރައީސް ޔާމީން ވަނި ޕްރޮޖެކްޓްތައް ކުރިޔަށް ގެންދާއިއިރު ސަރުކާރުގެ ތެރެއިން ބަޔަކު ފައިސާ ނަހަމަ ގޮތުގައި ނަގާކަމަށް ތުހުމަތުކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތުގެ ތެރެއިން ރާއްޖޭގެ ޕޯޓުތައް މި ސަރުކާރުން ވިއްކާލަން އުޅޭކަމުގެ ތުހުމަތުކުރައްވާފައެވެ. އެގޮތުން ތަރައްގީކުރުމަށް ޓަކައޭ ވިދާޅުވެ މި ސަރުކާރުން "ކަޓު" ނަގައިގެން ޕޯޓުތައް ވިއްކާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން ލިބޭ ފައިސާ ލިބެނީ ތެލުގެ އޯނަރު ކުންފުންޏަށް ކަމަށެވެ. އެހެންކަމުން ބަންކަރިންއިން ފޯރުކޮށްދޭ ތެލުގެ އޯނަރު ކުންފުންޏަކީ ވިޓޯލް ކަމަށާއި އޭގެން ރާއްޖެއަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިސާލަކަށް އެމީހުންގެ [ވިޓޯލްގެ] އަމިއްލަ ތެލުން މި ލިބެނީ 200 މިލިއަން. ވިޓޯލް މި ވިއްކަނީ ވިޓޯލް ތެޔޮ. އޭގެ ތެރެއިން ކުޑަކުޑަ ނިސްބަތެކޭ ދިވެހިރާއްޖެއަށް މި ލިބެނީ. އޭގެ 95 ޕަސެންޓު ނަގާނީ އެމީހުން
މިފަދަ ކިތަންމެ ކަންކަމެއް މި ސަރުކާރުން ކުރާކަމަށާއި، ކޮރަޕްޝަންގެ އަމަލުތައް ވެސް ފާއިތުވީ 10 މަސްދުވަހުގެ ތެރޭ އިތުރުވެފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ވައުދު ފޮތަށް ވުރެ އެ މުއްދަތުގައި މި ސަރުކާރުން ކޮރަޕްޝަން ހިންގާފައިވާކަމަށެވެ.