
ފަލަސްތީނުގެ ހައްގުގައި ދުނިޔޭގެ ހުރިހާ މުސްލިމުން ބޭން ކޮށްފައިވާ ސަހްޔޫނީންގެ ކޮސްޓަރ ބްރޭންޑްގެ ކޮފީއެއް ރައީސް ޑރ މުހައްމަދު މުއިއްޒު އެމެރިކާއަށް ކުރައްވާ ދަތުރުގެ ޓްރާންސިޓްގައި ބޯ މަންޒަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރުމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް މުއިއްޒުގެ އެ ވީޑިޔޯ އެކްސްގައި ހިއްސާކުރެއްވުމަށްފަހުއެވެ.
އެގޮތުން ފަލަސްތީނުގައި ނަސްލެއް ނައްތާލުމުގައި ސަހްޔޫނީން ވަނީ ފައިނަގާފައި ކަމަށާއި މިހާރު 40،000އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްފި ކަމަށް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.
ކޮސްޓަރ ބްރޭންޑްގެ ކޮފީއެއް ބުއިން އެއީ ކޫލް ކަމެއް ނޫންކަމަށާއި ދިވެހިންނާއި މުސްލިމް އުއްމަތުގެ އިހްސާސްތަކުގައި ރައީސް މުއިއްޒު ޖެހީ ކޮޅުފައިން ކަމަށް ޑރ ޖަމީލް ވަނި ޕޯސްޓްގައި ވިދާޅުވެފައެވެ.
އޭގެއިތުރުން ރައީސް މުއިއްޒު ވެގެންދާނީ މި ގައުމުގައި ވެރިކަންކުރި ފަރާތްތަކުގެ ތެރެެއިން އެންމެ ނުރައްކާތެރި ރައީސް ގެ ގޮތުގައި ކަމަށް ވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
ސަހްޔޫނީންގެ ޕާސްޕޯޓާއި އެމީހުންނަށް ވާގިވެރިވާ ބްރޭންޑްތައް ރާއްޖޭގައި މަނާކުރުމަށް އެތައް ފަރާތްތަކެއް އަންނަނީ ގޮވާލަމުންނެެވެ. ނަމަވެސް މިކަމަށް ސަރުކާރުން އަންނަނީ ބީރު ކަންފަތެއް ދެމުންނެވެ.










