ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ކުރެވޭއިރު، ފަލަސްތީނުގެ ނަްސްލު ނައްތާލާ ނިމިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ފަލަސްތީނުގައި ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނުމަށްފަހު އެ މަސައްކަތް ނުކުރާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރަން ދައްކާ ބަހަނާ އަކީ ނުވަތަ އުޒުރަކީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުތައް ނަމަވެސް އިޖުރާއަތުތައް އޮއްވައި، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ކުންފުނީގެ ގާނޫނަށް ކުޑަ އިސްލާހެއް ގެނެއުމާ ޕީޖީ އައްޔަންކުރުން ފަދަ ސަރުކާރުން ބޭނުންވާ ކަންކަން ހާސިލުކޮށް ނިންމިކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ދައުވާ ކުރަނީ އިސްލާމީ ދައުލަތެއް ނުވަތަ ނަސްލެއް ނައްތާލަނީ ކަމަށް ނަމަވެސް މި ސަރުކާރަށް ޕާސްޕޯޓު މަނާނުކުރެވޭ އިރު ވާނެ އެއްޗެއް ވެ ނިމިދާނެ ކަމަށް ރައީސް ޔާމީން ސިފަކުރެއްވިއެވެ.
އެއްކޮޅުން އަޅުގަނޑުމެން މި ބުނަނީ އިސްލާމީ ދައުލަތެއް ނޫން ނަމަ އިސްލާމީ ނަސްލެއް ނައްތާލަނީއޭ. މިކޮޅުގައި މި ތިބީ އިޖުރާއަތުގައި އަޅައިގަނެފައި. ނަސްލު ނައްތާލައި ނިމޭއިރު އިޖުރާއަތުން ޖާގަ ލިބޭ ދުވަހަކުން ﷲ ގެ ރަހުމަތުން ތިކަން ފާސްވާނެ ކަންނޭނގެ. ކޮން ފަދަ އިޖުރާއަތެއް އޮވެގެންތޯ މިކަން ނުވެގެން މިއުޅެނީ
މީގެ އިތުރުން ޕާސްޕޯޓް މަނާނުކޮށް ޕިޖަން ހޯލްކޮށްފައި އޮންނަތާ 4 މަސްވެއްޖެ ކަން ރައީސް ޔާމީން ފާހަގަކުރައްވާފައިވެއެވެ.