
ގައުމު އިގްތިޞާދީ ގޮތުން އަނދަވަޅަކަށް ވެއްޓިފައި މިވާ ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމުން އާންމުން ފާޑުކިޔަން ފަށައިފިއެވެ.
މީސްމީޑިޔާގައި ދައުރުވަމުން އަންނަ ޕޯސްޓްތަކުގައި އެކި އެކި ފަރާތްތަކުން އަންނަނީ ރަައީސް މުއިއްޒު އދ ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަން ބޭނުންވި ނަމަ ފިޒިކަލީ ބައިވެރިވާކަށް ނުޖެހޭނެކަމަށާއި އެކަން ވާރްޗުއަލްކޮށް ވެސް މިހާރު ކުރެވޭނެކަމަށް ބުނެފައެވެ.
އޭގެއިތުރުން އދ ގައި ރާއްޖޭގެ ރައީސަކު އަލަށް ތަގުރީރު ކުރި މިއީ ފުރަތަމަ ފަހަރުކަމަށް ސަރުކާރުގެ މަގާމްތަކުގައި ތިބި ފަރާތްތަކުން ބުނަމުން އަންނާތީ އެއީ ދޮގެއް ކަމަށް ބުނެ ކުރީގެ ރައީސުން ތަގްރީރުކުރައްވަން ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ވެސް މީސްމީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ.
ދުނިޔޭގެ އެތައް ގައުމަކުން ކަންތައް ކުރީ އެފަދައިން ކަމަށާއި މިއީ "ޑިޖިޓަލް" ޒަމާނެއްކަމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. ބޭކާރު ޚަރަދުތައް ކުރުން ނިމުމަކަށް އައީކަމަށް ބުނި އިރު، ސަރުކާރުން އަންނަނީ އެކަމުގައި ވެސް ދޮގު ހަދައިން ބޮޑެތި ޚަރަދުތައް ކުރަމުންނެވެ.
ދައުލަތުގެ ފައިސާއިން ބޮޑެތި ޚަރަދުތަކެއްކޮށްގެން "ބޭންޖަހާފައި ލަޝްކަރެއް" ގެންދާކަށް ނުޖެހޭނެކަމަށް ވެސް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ. އދ ގެ އާންމު މަޖިލީހުގައި ތަގްރީރުކުރައްވައިގެން ރާއްޖެއަށް ވާނެ ފައިދާއެއް ނެތްކަމަށް ވެސް އާންމުން އަންނަނީ ބުނަމުންނެވެ.
އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަތީ ޚާރިޖީ ގުޅުންތައް ރަނގަޅުކުރުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ދުބާއީގައި ޓްރާންސިޓް ކުރައްވާ ސަހްޔޫނީންނަށް ވާގިވެރިވާ ކުންފުނީގެ އުފެއްދުމެއްކަމަށްވާ "ކޮސްޓަރ" ބްރޭންޑްގެ ކޮފީއެއް އިސްތިހާރު ކުރުމާއިއެކު މުސްލިމް ގައުމުތަކުގެ ނުރުހުން އެމަނިކުފާނަށްވަނީ އަމާޒުވާން ފަށާފައެވެ.









